ޚަބަރު

އައިއޯޓީސީގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި


  • ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވޭ

  • އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 30 ވަނަ ބައްދަލުވުން އޮންނާނީ މިމަހު 4 އިން 15 އަށް

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 30 ވަނަ ސެޝަން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. އައިއޯޓީސީގެ 30 ވަނަ ސެޝަންގެ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރާގައެވެ.

މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

މިފަދަ މުހިންމު ފުރުޞަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އައިއޯޓީސީގެ މައި ބައްދަލުވުމުގެ އިތުރުން، އެ ކޮމިޝަންގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައްވެސް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުންތަކުގެ ތެރޭގައި:

• އައިއޯޓީސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން
• އައިއޯޓީސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން
• އައިއޯޓީސީގެ މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން

މިއީ އައިއޯޓީސީގެ ކޮމިޝަން ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.

އެ ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރޭގައި މި ސަރަޙައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ފިޔަވަޅުތަކާއި، މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއި، އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މި ނިންމުންތަކުގެ ސަބަބުން، ކަނޑުމަހުގެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާޢަތުގެ މަންފާ އިތުރުކުރުމުގެ މަގުފަހިވެގެންދެއެވެ.