ޚަބަރު

ފައިނަލުގެ ފުރަތަމަ ޖާގަ ހިތަދޫ ސްކޫލަށް


މަމެން އައްޑޫ އިންޓަރ ސްކޫލްގެ 12 އަހަރުން ދަށުގެ އުމުރުފުރާއިން ފައިނަލުގެ ފުރަތަމަ ޖާގަ ހިތަދޫ ސްކޫލު ހޯދައިފިއެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި އީއްޔެ ކުޅެވިގެން ދިޔަ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހިތަދޫ ސްކޫލް ވާދަ ކުރީ މަރަދޫ ސްކޫލާއިއެވެ. މިމެޗު ހިތަދޫ ސްކޫލުން ކާމިޔާބުކުރީ ފަސޭހަކަމާއެކު ހަތެއް ސުމަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހިތަދޫ ސްކޫލުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮއްދިނީ އެޓީމުގެ އަހުމަދު އަލްވިން ހަސަންއެވެ. ހިތަދޫ ސްކޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރީން 3 ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިއެވެ. މެޗުގެ ދެވަނަ ހާފުގައި މަރަދޫ ސްކޫލުން ވަނީ ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކޮއްފައެވެ. ނަމަވެސް ހަމަލާތަށް ނާކަމިޔާބުވެގެން، ދިއުމުގެ ނަތީޖާ އަކަށްވީ ހިތަދޫ ސްކޫލް މަރަދޫ ސްކޫލުގެ ޑިފެންސް ލައިން ފަސޭހައިން ފޫއަޅުވާލައިގެން ލަނޑު ޖަހަން ފެށުނެވެ. އެގޮތުން މިމެޗުގައި ފުރަތަމަ ހާފުގައި 1 ލަނޑު އަދި ދެވަނަ ހާފުގައި އިތުރު 2 ލަނޑު ޖަހައި ހިތަދޫ ސްކޫލުގެ އަހުމަދު ޔާސީން އަބްދުﷲ ވަނީ ހެޓްރިކް ހަދާފައިއެވެ. މެޗަށް ފަހު ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ހިތަދޫ ސްކޫލު ކޯޗު މުހައްމަދު އުގެއިލް ބުނީ، ޓީމުގެ ކުދިން ގްރޫޕް ސްޓޭޖްގަ ކުޅުނުވަރަށް ވުރެން ރަނގަޅަށް ކުޅުނު ކަމަށާއި، މިހާރު ވިސްނަނީ ކުރިއަށް އޮތް ފައިނަލް މެޗާ ދޭތެރޭ ކަމަށެވެ.

މަރަދޫ ސްކޫލް ކޯޗް މުހައްމަދު ޖިނާހް ބުނީ ކުޅުންތެރިންނަށް މާއަވަހަށް މެޗު ދޫކޮއްލެވުނީ ކަމަށެވެ. ނަމަވެސް މޮޅުވާން ކުދިން މަސައްކަތް ކޮއްފައިވާ ކަން އޭނާ ވަނީ ފާހަގަ ކޮއްފައިއެވެ.