ޚަބަރު

އަމާޒަށް ވާސިލުވާން ފުރަތަމަ މެޗު ވަރަށް މުހިންމު - ނިލަންތަ ކޫރޭ


އަމާޒަށް ވާސިލުވާން ފުރަތަމަ މެޗު ވަރަށް މުހިންމު ކަމަށް ނަވާރަ އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ ހެޑްކޯޗް ނިލަންތަ ކޫރޭ ބުނެފިއެވެ.

އޭސީސީ ނަވާރަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި ކުވައިތާއި ދެކޮޅަށް މިއަދު ރާއްޖޭގެ ގައުމީ ޓީމު ނިކުންނައިރު، ދުބާއީގަިިއި ކުރިއަށް ގެންދިޔަ އެންމެ ފަހުގެ ފަރިތަކުރުންތަށް ނިންމާލަމުން ކޯޗް ނިލަންތަ ބުނީ، މުބާރާތުގެ އަމާޒަށް ވާސިލުވާން އެންމެ މުހިންމު އެއްކަމަކީ ފުރަތަމަ މެޗު ކާމިޔާބުކުރުން ކަމަށާއި، މިއަދުގެ މެޗު ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ނިލަންތަ ބުނީ އިދިކޮޅުން ވާދަކުރާ ކުވައިތު ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، ނަމަވެސް ދިވެހި ޓީމު ފަސް ނުޖެހޭނެކަމަށެވެ. އެގޮތުން މުބާރާތުގެ ކުރިން ލަންކާގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބިގެން ދިޔަ ކަމަށްވެސް ނިލަންތަ ބުންޏެވެ.

"ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި، ހުރިހާވެއް ވިސްނުމެއް މިހާރު ހުރީ ފުރަތަމަ މެޗު ކާމިޔާބުކުރަން، އަމާޒަށް ވާސިލުވާން އެންމެ މުހިންމު އެއް ކަމަކީ ފުރަތަމަ މެޗު ނެގުން، އެހެންވީމަ މިމެޗް ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާކަމެއް ކުރާނަން" ނިލަންތަ ކޫރޭ ބުންޏެވެ.

މުބާރާތުގެ ގުރޫޕް ބީގައި ރާއްޖެއާއި ކުވައިތުގެ އިތުރުން ދެން ހިމެނެނީ އޮމާން އާއި ގަތަރެވެ.