ޚަބަރު

ޒުވާން ޓީމާއިމެދު އިތުބާރު އެބައޮތް - އާސިފް ޚާން


އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ރާއްޖޭގެ ޒުވާން ގައުމީ ކްރިކެޓް ޓީމުން ރަނގަޅު ކާމިޔާބީއެއް ހޯދާނެކަމާއިމެދު ޝައްކު ނުކުރާކަމަށް ރާއްޖޭގެ ސީނިއާ ގައުމީ ކްރިކެޓް ޓީމުގެ ކޯޗް އާސިފް ޚާން ބުނެފިއެވެ.

އަވައްޓެރި ލަންކާގައި ޒުވާން ޓީމާއިއެކު ކުރިއަށްގެންދިޔަ ޙާއްސަ ޓްރެއިނިންގް ކޭންޕް ނިންމާލަމުން އާސިފް ޚާން ބުނީ، އޭސީސީ މުބާރާތަކީ ވަރުގަދަ މުބާރާތެއް ކަމަށާއި، ޓްރެއިނިންގް ކޭމްޕްގެ ތެރޭގައިވެސް ކުޅުންތެރިންނަށް އެކަން ވިސްނައިދިން ކަމަށެވެ. އަދި ވަރުގަދަ ޓީމުތަކަކާއި ދެކޮޅަށް ކުޅޭއިރު ފަންސާސް އޯވަރަށް ކުޅުންތެރިންގެ މައިންޑް ސެޓް ކުރަން ވަރަށް ބޮޑު އިސްކަމެއް ދިންކަމަށްވެސް އާސިފްޚާން ބުންޏެވެ.

އާސިފް ޚާން ބުނީ، ޓްރެއިނިންގް ކޭމްޕްގެ ސަބަބުން ކުޅުންތެރިން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފި ކަމަށާއި، ކުޅުންތެރިން މިހާރުތިބީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާއެއް ހޯދައި ދެވަނަބުރަށް ދަތުރުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ގައުމީ ސީނިއާ ޓީމުގެ ހެޑްކޯޗް އާސިފް ޚާން ބުންޏެވެ.

"ޓްރެއިނިންގް ކޭމްޕް ވަރަށް އެފެކްޓިވް، ވަރަށް ބޮޑަށް ކުޅުންތެރިން ކުރިއަރައިގެން ގޮސްފި، ޚާއްސަކޮށް މާލޭގައި ގިނަ ފަރިތަކުރުންތަކެއް ކުރުމަށްފަހު ލަންކާގައި ވާދަވެރި މެޗުތަކެއް ކުޅެން ލިބުމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިތުބާރު ލިބިފަ ތިބީ، އެހެންމަ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދާނެ ކަމާއިމެދު ޝައްކެތް ނުކުރަން، ކުޅުންތެރިންގެ ހުނަރު އެބަހުރި، ފަރުވާ ބަހައްޓައިގެން ކުޅެފިއްޔާ އެކަން ވާޏެ" އާސިފް ޚާން ބުންޏެވެ.

ސްރީލަންކާގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ނިލަންތަ ކޫރޭގެ އިރުޝާދުގެ ދަށުން، އޭސީސީ މުބާރާތުގައި ރާއްޖޭގެ ނަވާރަ އަހަރުން ދަށުގެ ކްރިކެޓް ޓީމް މާދަމާ ފުރަތަމަ މެޗު ކުޅޭނެއެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ ކުވައިތާއި ދެކޮޅަށެވެ.