ޚަބަރު

ސެމީއިން މޮޅުވެ ޝަމްސުއްދީން ސްކޫލް މުބާރާތް ނިންމާލައިފި


މަމެން އައްޑޫ އިންޓަރ ސްކޫލް މުބާރާތުގައި 12 އަހަރުން ދަށުގެ އުމުރުފުރާގެ ފަހު މެޗުގައި މަރަދޫ ފޭދޫ ސްކޫލާއި ވާދަކޮށް ޝަމްސުއްދީން މޮޅުވި ނަމަވެސް، ގޯލުގެ ތަފާތުން ޝަމްސުއްދީނަށް ސެމީ ފައިނަލުގެ ޖާގަ ގެއްލިއްޖެއެވެ.
މިއުމުފުރާގެ އެންމެ ފަހު މެޗުގެ ގޮތުގައި އިއްޔެ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި ކުޅުނު މެޗު ޝަމްސުއްދީން ސްކޫލް ކާމިޔާބު ކުރީ 7-0 ގެ ނަތީޖާއަކުންނެވެ. ޝަމްސުއްދީން ސްކޫލް ފުރަތަމަ ހާފުގައި 5 ލަނޑު ޖާހާފައި ވާއިރު، ފުރަތަމަ ލަނޑު ޖަހާފައިވަނީ، އެޓީމުގެ އަހުމަދު ޒިޝާންއެވެ. އެޓީމަށް ފުރަތަމަ ހާފުގައި އިތުރު 3 ލަނޑު ޖަހައިދީ ހެޓްރިކް ހެދީ ހަސަން ޒާމިލްއެވެ. ޝަމްސުއްދީން ސްކޫލް މިމެޗުން މޮޅުވި ނަމަވެސް ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުރިއަށް ނުދެވުނީ، އެޓީމާއި ޕޮއިންޓުގެ ގޮތުން އަދި ފައިދާ ގޯލުގެ ގޮތުން އެއްވަރުވެފައިއޮތް ޝަރަފުއްދީނަށް ޖެހި ގޯލް އިތުރުވުމުންނެވެ. މެޗަށް ފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަމުން ޝަމްސުއްދީން ސްކޫލުގެ ކޯޗު އަބްދުﷲ ސައީދު ބުނީ، އެޓީމު މުބަރާތުން ވަކިވާން ޖެހުނީ، ވަރަށް ނަސީބު ދެރަކޮށް ކަމަށެވެ. ނަމަވެސް ކުޅުމާއި މެދު ވަރަށް ބޮޑަށް ހިއްހަމަ ޖެހޭ ކަމަށް އެނާ ބުނިއެވެ.

މަރަދޫ ފޭދޫ ސްކޫލުގެ ކޯޗު ބުނީ، މިމެޗުގައި އެޓީމަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ޓީމުގެ ކީޕަރު ނެތުމުން ކަމަށެވެ. އަދި ބަދަލު ކީޕަރެއްގެ ގޮތުގައި އަރުވަންވެސް ޖެހުނީ، އިތުރު ކީޕަރެއް ނެތުމުން ކުޅުންތެރިއެއް ކަމަށެވެ.

މި ނަތީޖާ އާއި އެކު، ޝަރަފުއްދީން ސްކޫލް މިވަނީ މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައިއެވެ. ޝަރަފުއްދީން ސްކޫލް ސެމީގައި މިމަހުގެ 26 ވަނަ ދުވަހު ވާދަ ކުރާނީ ހުޅުދޫ ސްކޫލާއިއެވެ. އަދި ގުރޫޕުގެ އެއްވަނަ ހިތަދޫ ސްކޫލް ވާދަ ކުރާނީ 'ބީ' ގުރޫޕުގެ ދެވަނަ މަރަދޫ ސްކޫލާއިއެވެ.