ޚަބަރު

އޭސީސީ 19 އަހަރުން ދަށުގެ ވެސްޓާން ރީޖަން މުބާރާތަށް ތައްޔާރުވުމަށް ޒުވާން ޓިީމު ލަންކާއަށް ފުރައިފި


އޭޝިއަން ކްރިކެޓް ކައުންސިލްގެ 19 އަހަރުން ދަށުގެ ވެސްޓާން ރީޖަން ކްރިކެޓް މުބަރާތައް ތައްޔާރުވުމަށް، ރާއްޖޭގެ ޤައުމީ ޒުވާން ކްރިކެޓް ޓީމު ލަންކާއަށް ފުރައިފިއެވެ.
ޔޫއޭއީގައި މިމަހުގެ 26އިން އަންނަ މެއި މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޒުވާން ޓީމުން ލަންކާގައި އެކުވެރިކަމުގެ 5 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައިއެވެ.
ޓްރެއިނިންގް ކޭމްޕާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ޓީމުގެ ކޯޗް ނިލަންތަ ކޫރޭ ބުނީ، މުބާރާތުގައި ވާދަކުރަން ޖެހެނީ ވަރުގަދަ ޓީމުތަކަކާއި ދެކޮޅަށް ކަމަށާއި، އެހެންކަމުން މި ޓްރެއިނިންގެ ކޭމްޕްގެ ސަބަބުން މުބާރާތަށް ތައްޔާރުވާން ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ފަރިތަކުރުންތަށް ކުރިއަށްގެންދިޔައިރު އެންމެ އެކަށީގެން ވާވަރަށް އައުޓްޑޯގެ ބޭނުންހިފަން ނުލިބޭ ކަމަށާއި، ޓްރެއިނިންގް ކޭމްޕްގައި ވިނަ ދަނޑުގެ އިތުރުން ޓާފްގައިވެސް ކުޅެން ލިބުމަކީ ކުޅުންތެރިންނަށް ބޮޑު ތަޖުރިބާއެއް ލިބޭނެ ކަމެއް ކަމަށްވެސް ކޯޗް ބުނެފިއެވެ.
ކޯޗުބުނީ މި ޓްރެއިނިންގް ކޭންމްޕްގެ ސަބަބުން ކުޅުންތެރިން މުބާރާތާއި ކުރިމަތިލާއިރު ތަޖުރިބާ އާއި އިތުބާރު ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށެވެ.
އޭސީސީ 19 އަހަރުން ދަށުގެ ވެސްޓާން ރީޖަން މުބާރާތުގައި ރާއްޖެ ލައްވާލަފައިވަނީ ގްރޫޕް ބީގައި. މިގުރޫޕުގައި ރާއްޖެއާއިއެކު ހިމެނެނީ، ކުވައިތް، އޮމާން، އަދި ޤަތަރުއެވެ.
މިމުބާރާތުގައި ޖުމަލް އަށް ގައުމަކުން ވާދަކުރާނެއެވެ.