ޚަބަރު

ކިޑްސް ފިއެސްޓާ ކެންސަލެއް ނުވާނެ - ޢަލީ ވަޙީދު



ސޮކާ ވެޓަރެންސްއިން އިންތިޒާމިކޮށްގެން ބާއްވާ ކިޑްސް ފުޓްބޯލް ފިއެސްޓާ ކެންސަލް ނުވާނެ ކަމުގެ ޔަގީންކަން، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްއިން ދެއްވައިފިއެވެ.

މޯލްޑިވްސް ސޮކާ ވެޓެރެންސް އެސޯސިއޭޝަނުން ސްކޫލުތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މިމުބާރާތް ކޮންމެ އަހަރަކުވެސް ސްޕޮންސާ ކުރަމުން އަންނަނީ މައިލޯއިންނެވެ. ނަމަވެސް އިންޓަ ސްކޫލު އެއްވެސް މުބާރާތެއް ނުވަތަ ސްކޫލުތަކަށް އަމާޒުކޮށްގެން ބާއްވާ އެއްވެސް ހަރަކަތެއް، "ޝުގަރީ" ނުވަތަ "އެނާޖީ" އެއްވެސް ޑްރިންކެއް ބޭނުން ނުކުރުމަށް ސަރުކާރުން ނިންމާފައިވުމާއިއެކު މިމުބާރާތް ނުބޭއްވޭނެ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ.

ނަމަވެސް މިނިސްޓްރީއިން ބުނީ، މިމުބާރާތަކީ ސްކޫލްތަކުގެ ގިނަ އަދަދެއްގެ ކުދިންނާއި ބެލެނިވެރިންގެ ބޮޑު ތަރުޚީބެއް ލިބެމުންދާ މުބާރާތެއްކަމުން، މުބާރާތް ކެންސަލްކުރަން މިނިސްޓްރީއިން ބޭނުން ނުވާކަމަށެވެ.

އެކްޓިން ސްޕޯޓްސް މިނިސްޓާ ޢަލީ ވަޙީދު ވިދާޅުވީ، ބެލެނިވެރިންނާއި ދަރިވަރުން ތަކެއްގެ ފޮނި އުންމީދުތަކަކާއި ދެކޮޅަށް މުބާރާތް ކެންސަލް ކުރަން ބޭނުންނުވާ ކަމަށާއި، ނަމަވެސް މުބާރާތް ބޭއްވޭނީ މިހާރު ސަރުކާރުން ކަނޑައަޅާފައިވާ އުސޫލަށް ފެތޭ ސްޕޮންސާ ޝިޕެއްގެ ދަށުންކަމަށެވެ.

މިނިސްޓާ ވިދާޅުވީ ސްޕޮންސާޝިޕްގެ އުސޫލުގެ ސަބަބުން މިމުބާރާތް ބޭއްވުމަށް މިއަހަރު ކޮންމެވެސް ވަރެއްގެ ދަތި ތަކަކާއި ކުރިމަތިލާން ޖެހޭނެކަން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް މިއަހަރުގެ މުބާރާތް ކުރިން އަހަރުގެ މުބާރާތްތަކަށްވުރެ ފެންވަރު ދަށް ނުވާނެ ކަމަށެވެ.

"ސަރުގެކާރުން ވަރަށް ބޮޑަށް ބާރުއަޅާ ދުޅަހެޔޮ ހަޝިހެޔޮ ޖީލެއް ބިނާކުރުމަށް، އެހެންކަމުން ސަރުކާރުން ނިންމީ ސްކޫލު ކުދިންގެ އެއްވެސް ހަރަކާތެއްގައި، އެނާޖީ ޑްރިންކްސް އަދި ޝުގަރީ ޑްރިންކްސް ބޭނުން ނުކުރުމަށާއި ޕްރޮމޯޓް ނުކުރުމަށް. އެހެންވީމަ މުމުބާރާތް ކެންސަލެއް ނުވާނެ. އެޔަގީންކަން ހުރިހާ ބެލެނިވެރިންނަށްވެސް އަރުވަން، އެކަމު މުބާރާތް ބޭއްވޭނީ މިދެންނެވި އިސޫލާއި އެއްގޮތްވާ ސްޕޮންސާޝިޕެއްގެ ދަށުން." މިނިސްޓާ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ސޮކާ ވެޓެރެންސްގެ ޗެއާމަން ޢަލީ ޝަމީމް ވިދާޅުވީ، މިއަހަރުގެ މުބާރާތް ކެންސަލް ނުވާނެކަމުގެ ޔަގީންކަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މިއަހަރުގެ މުބާރާތަށް ސަޕޮންސާއެއް ނުލިބުނު ކަމުގައި ވިޔަސް ކުރިން އަހަރުގެ މުބާރާތް ތަކަށްވެރެ އިންތިޒަމުގެ ގޮތުންނާއި، ފެންވަރުގެ ގޮތުންވެސް ދަށް ނުވާނެ ކަމަށެވެ.

މުބާރާތް މިއަހަރު ކެންސަލް ނުވާނެކަމުގެ ޔަގީންކަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް، އެކަމު ދެން އޮތް ސުވާލަކީ ސްޕޮންސާ ކުރާނީ ކޮންބައެއްތޯ ނުވަތަ އެއްވެސް ބައެއްގެ ސްޕޮންސާއެއް ނެތި ބާއްވާނީތޯ؟ އެކަމާއި އެއްވެސް ވަރަކަށް ބެލެނިވެރިންވެސް އަދި ސްކޫލްތަކުންވެސް ކަންބޮޑުވާކަށް ނުޖެހޭ. މުބާރާތް ބާއްވާނެ، އަދި ބާއްވާނީވެސް ކުރިން އަހަރުތަކެކޭވެސް އެއް ފެންވަރެއްގައި، ނުވަތަ އެއް ވުރެވެސް ފެންވަރު ރަނގަޅުކޮށް." ޢަލީ ޝަމީމް ވިދާޅުވިއެވެ.

މޯލްޑިވްސް ސޮކާ ވެޓެރެންސްއިން ބާއްވާ ކިޑްސް ފިއެސްޓާއަކީ ރާއްޖޭގައި މިހާރު ބާއްވަމުން އަންނަ އެންމެ ކާމިޔާބު އަދި އެންމެ ގިނަ އަދަދެއްގެ ކުދިން ބައިވެރިވާ ފުޓުބޯޅަ ފިއެސްޓާއެވެ.