ޚަބަރު

އެސްޓީއޯ އާއި އެމްޕީއެލްގެ ވަރުގަދަ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް!



ކްލަބް މޯލްޑިވްސް ކަޕްގައި އެސްޓީއޯ އާއި އެމްޕީއެލްގެ ވަރުގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމުނުއިރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކްލަބް އިމިގްރޭޝަން ހިފަހައްޓައިފިއެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އެސްޓީއޯ އާއި އެމްޕީއެލް އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ.

މުބާރަތުގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިމިގްރޭޝަން ހިފެހެއްޓީ 3-3ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގައި އިމިގްރޭޝަން އަށް އެޓީމުގެ ލަނޑުތަށް ޖަހައިދިނީ ޢަލީ ހައިޝަމް އާއި އަޙުމަދު ވިޝާމްއެވެ. މިދެކުޅުންތެރިންގެ ތެރެއިން ޢަލީ ވިޝާމް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް އެޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ނަސީފް ހަސަން ސަޢީދް އާއި، ނާއިފް ޝަފީފްއެވެ. މިދެކުޅުންތެރިންގެ ތެރެއިން ނަސީފް ޙަސަން ސަޢީދް ވަނީ ދެލަނޑު ޖަހާފައެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ފެހިފަހި ކްލަބުން ވަނީ ހަނިގޮތަކަށް ކްލަބް އެމްވައިއެސް އަތުން މޮޅުވެފައެވެ. މިމެޗުގައި ފެހި ފަހި ކުލަބުގެ އަޙުމަދު ޝަމީމް ދެލަނޑު ޖެހިއިރު، އަނެއްލަނޑު ކާމިޔާބުކޮށްދިނީ އީމާން އިސްމާޢީލްއެވެ. ކްލަބް އެމްވައިއެސްއަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ ޔާސިރު ރަގީބް އާއި މުޙައްމަދު ފައިސަލްއެވެ.

ރޭ ކަސްޓަމްސް އާއި އެމްޓީސީސީ ވާދަކުރިމެދު ކަސްޓާމްސްއިން ވަނީ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ. މެޗުގައި ކަސްޓަމްސްގެ ޙަސަން އިމްރާން ހެޓްރިކެއް ހަމަކުރިއިރު، މުމްތާޒް އަބްދުލް ރަޝީދް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އަހުމަދު ޢަބްދުﷲ ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. އެމްޓީސީސީއަށް ލަނޑުތަށް ޖަހައިދިނީ، ޙަސަން މިފްރާހް އާއި، ޢިސްމާއީލް މުނީރުގެ އިތުރުން މުޙައްމަދު ސަމޫހް އަންވަރެވެ.

ރޭ ކުޅުނު ފަހު މެޗުތަކުގައި ފެން ކުލަބާއި ސިވިލް ކޯޓުގެ ކުރިމަތިލުންވެސް ނިމުނީ އެއްވަރުވެގެން. ރޭގެ ފަހުމެޗުގައި ޕޮލިސް ކުލަބުން ވަނީ ފަހަތުން އަރައި ދިރާގު ބަލިކޮށްފައެވެ.