ޚަބަރު

ބެލެނިވެރިންގެ ޝަކުވާތަކާއުއެކު އިންޓަ ސްކޫލް ކެރަމް މުބާރާތް ފަސްކޮށްފި


ބެލެނިވެރިންގެ ޝަކުވާތަކާއިއެކު އިންޓަ ސްކޫލް ކެރަމް މުބާރާތް ވަކި މުއްދަތެއްނެތި ފަސްކޮށްފިއެވެ.

މާރޗް 31ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް އިންޓަ ސްކޫލް ކެރަމް މުބާރާތް ފަސްކުރީ، މުބާރާތް ބާއްވަތް ތައްޔާރުކޮށްފައިވާ ހޯލުގައި ހުރި މައްސަލަ ތަކަކާއި ގުޅިގެން، ސްކޫލްތަކުގެ ބެލެނިވެރިން ޝަކުވާތަކެއް ކުރުމުންނެވެ.

ބެލެނިވެރިން ވަނީ، މުބާރާތް ބާއްވަން ތައްޔާރުކޮށްފައިވާ ހޯލް ހިރަފުސް ވުމުންނާއި، ހޯލުގައި އޭސީ ނުޖެއްސި ހުރުމުގެ ސަބަބުން ހޫނުގަދަވެފައިވާތީ، މުބާރާތުގެ ކުޅުން ފެށުމަށް ދެކޮޅު ހަދާފައެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބު ރައިސް އިބްރާހިމް ރިފާޢު އާމިރް ވިދާޅުވީ، ހޯލުގެ އޭސީތަކަށް މައްސަލައެއް ދިމާވެފައި ނުވާކަމަށާއި، ނަމަވެސް ހޯލުގައި ހޫނުގަދަވެގެންދިޔައީ، ހޯލުހުރި އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ ބަޔަކަށް ނޭންގި ކަރަންޓް ދުއްވާލެވިފައި ހުރުމުން ކަމަށެވެ. އަދި ބެލެނިވެރިން ކޮށްފައިވާ ފްލޯރިންގެ މައްސަލަ ހައްލު ކުރުމަށް މިހާރު ހޯލުގައި ކާޕެޓް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިފާޢު ވިދާޅުވިއެވެ.

ރިފާޢު ވިދާޅުވީ، މުބާރާތް އަލުން ބާއްވާނެ ތާރީޚެއް އަދި ނުނިންމާ ކަމަށާއި، މާދަމާގެ ވަގުތެއްގައި އެމްޓީސީސީ އާއިއެކު ބައްދަލުވުމެއް ބޭއްވުމަށްފަހު މުބާރާތް ބާއްވާނެ ތާރީޚެއް ކަނޑައަޅާނެކަމަށެވެ.

މިއަހަރުގެ އިންޓަ ސްކޫލް ކެރަމް މުބާރާތް ބާއްވަން ތައްޔާރުވެފައިވަނީ އެމްޓީސީސީގެ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. އަދި މިއީ އެސޯސިއޭޝަންގެ އައު އެކްސްކޯ އެކުލަވާލިފަހުން ބައްވަން މަސައްކަތްކުރާ ފުރަތަމަ މުބާރާތް ކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.