ޚަބަރު

ސީ ސްޕޯޓްސް އާއިއެކު ރާއްޖެ ބޮޑީބޯޑިންގެ ހަރަކާތްތަށް ފަށަނީ



ރާއްޖެ ބޮޑީބޯޑިންގެ މިއަހަރުގެ ހަރަކާތްތަށް އަންނަ މަހު ފަށަން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި ޒުވާން ހުނަރުވެރި ބޮޑީބޯޑަރުން އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ރާއްޖެ ބޮޑީބޯޑިން އިން އަންނަ މަހު ފުވައްމުލަކުގައި، މިއަހަރުގެ ފުރަތަމަ މުބާރާތް ބާއްވަން ވަނީ ނިންމާފައެވެ.

އެލައިސް 2019 ގެ ނަމުގައި ބާއްވާ މި މުބާރާތަކީ 18އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.

އަންނަ މަހުގެ 5،6އަށް މ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މުބާރާތުގެ ކުރިން، ބޮޑީބޯޑިން ތަމްރީންތަކެއްވެސް ކުރިއަށް ގެންދިއުމަށް ރާއްޖެ ބޮޑީބޯޑިން އިން ވަނީ ނިންމާފައެވެ.

ސީ ސްޕޯޓްސްއިން ސްޕޮންސާ ކޮށްގެން ބާއްވާ މި މުބާރާތް، މިއަހަރުގެ ތެރޭގައި ފުވައްމުލަކުގެ އިތުރުން، ރ.އަތޮޅާއި، ލ.އަތޮޅުގައިވެސް ކުރިއަށް ގެންދުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާ ސީ ސްޕޯޓްސް އާއިއެކު ރާއްޖެ ބޮޑީބޯޑިން އިން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއެކޮށްފައެވެ.
ރާއްޖެ ބޮޑީބޯޑިން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ސާފިން އެސޯސިއޭޝަން އާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އެއްބާރުލުމާއި އެކުގައެވެ.