ޚަބަރު

14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ފ.އަތޮޅު ސްކޫލުން ކާމިޔާބުކޮށްފި



ފޯރިގަދަ ކުޅުމަކަށްފަހު އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ފ.އަތޮޅު ސްކޫލުން ކާމިޔާބުކޮށްފިއެވެ.

ފ.އަތޮޅު ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބ.ގޮައިދޫ ސްކޫލާއި ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފަސް ސެޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ފ.އަތޮޅު ސްކޫލުން ލީޑުގައި ކުޅެމުން ދަނިކޮށް ފަހަތުން އަރާ ގޮއިދޫއިން ވަނީ 26-24އިން ސެޓު އަތުލާފައެވެ.

ދެވަނަ ސެޓުގައި ގޮއިދޫގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، ފ.އަތޮޅު ސްކޫލުން ފަސޭހަކަމާއިއެކު މިސެޓު ކާމިޔާބުކުރީ 25-8 އިންނެވެ. ނަމަވެސް ތިވަނަ ސެޓު 26-24 ކާމިޔާބުކޮށް އަނެއްކާވެސް ގޮއިދޫއިން ކުރިހޯދިއެވެ. ހިތްވަރާއެކު ކުޅެމުންދިޔަ ފ.އަތޮޅު ސްކޫލުން ހަތަރުވަނަ ސެޓު ގެންދިޔައީ 25-19އިންނެވެ. އަދި ފަސްވަނަސެޓު 15-10 އިން ގެންގޮސް ފ.އަތޮޅު ސްކޫލުން ޗެމްޕިއަންކަން ހޯދިއެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ފ.އަތޮޅު ސްކޫލުގެ ކޯޗް ޢަލީ ޒާހިރު ބުނީ، މިއީ ހިތްވަރާއެކު ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، އަދި މިއީ ސްކޫލުގެ ކުދިން ރަށައް ހޯދައިދިން ކާމިޔާބީއެއް ކަމަށެވެ. އަދި މުޅިން އަލަށް މުބާރާތުގައި ވާދަކޮށް ޗެމްޕިއަންކަން ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށްވެސް ކޯޗް ބުންޏެވެ.

"ހަގީގަތުގައި ވަރަށް ބޮޑަށް އުފާވެއްޖެ. އަޅުގަނޑުމެން ހީވެސް ނުކުރަން މުޅީން އަލަށް އައިސް މިވަރުގެ ކާމިޔާބީއެއް ހޯދޭނެ ކަމަކަށް. މުބާރާތަށް ނިކުތްއިރު އަމާޒަކަށްވީ ފައިނަލާއި ހިސާބަށް ދިއުން. އެކަމު ފައިނަލުގައި ވަރަށް ހިތްވަރުކޮށްގެން ކުޅުންތެރިން އެހޯދި ކާމިޔާބީއަކީ މުޅި ރަށައް ހޯދައިދިން ކާމިޔާބީއެއް." ޢަލީ ޒާހިރު ބުންޏެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ގޮއިދޫ ސްކޫލުގެ ކޯޗް އަޙުމަދު ނިޒާމް ބުނީ، މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ކުރާ ކަމަށާއި، ނަމަވެސް ބަލިވީ ފަހު ވަގުތު ގޯސް ހެދުމުން ކަމަށެވެ. އަދި ރެފްރީގެ ބައެއް ނިންމުން ތަކަށްވެސް ކޯޗް ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ކޯޗް ބުނީ، ހަމައެކަނި ރެފްރީ ގޯސްކުރަން ބޭނުން ނުވާ ކަމަށާއި، ބަލިވާން މެދުވެރިވި ހަމައެކަނި ސަބަބަކީ ރެފްރީގެ ނިންމުންތައް ނޫންކަމަށެވެ.

"އަސްލު އެހާ ކުޑަކުދިން ވީމަ މިހާ ފޯރިގަދަ ފައިނަލް މެޗެއްގެ ޕްރެޝަރ ހިފައްޓާލަން ނޭންގުނީ، މިހިންމު ވަގުތު ތަކުގައި ގޯސްތަށް ހެދުނީވެސް އެހެންވެ. އެކަމު މީގަ ރެފްރީގެ މައްސަލަވެސް އެބަހުރި. ރެފްރީގެ ބައެއް ނިންމުންތައް ބަލައެއް ނުގަނެވޭނެ. އަސްލު މާބޮޑަށް ދޫކޮށްލާފަ މި އޮންނަނީ، އަޅުގަނޑުމެން މި ކުޅެން އަންނަނީ ވަރަށް ސީރިއަސްކޮށް މިކަން ނަގައިގެން. އެކަމި ތިބޭފުޅުންނަށްވެސް އެނގިލައްވާނެ ލައިންސް މަނެއްވެސް ނެތް. އެކަމު މިއީ ފައިނަލް މެޗެއް." އަޙުމަދު ނިޔާޒް ބުންޏެވެ.

މުބާރަތުގައި މިރޭ އޮންނާނީ ސޯޅަ އަހަރުން ދަށުގެ ފިރިހެންބައިގެ ފައިނަލެވެ.