ޚަބަރު

ކުލަބްތަކުން ނިއުރޭޑިއަންޓްގެ ސަސްޕެންޝަން ތަމަހައްޓައިފި


2019ވަނަ އަހަރުގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އެފްއޭއެމުން ނިއުރޭޑިއަންޓަށް ކުރި ސަސްޕެންޝަނަށް ކުލަބުތަކުން ތާއީދުކޮށްފިއެވެ.
ކުޅުންތެރިންނަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން އެފްއޭއެމުން ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ މިދިޔަ ޖެނުއަރީ މަހުއެވެ. އެފްއޭއެމްގެ އެކްސްކޯއިން ނިއުރޭޑިއަންޓް ސަސްޕެންޑްކުރުމަށްފަހު ބުނީ ނިއުއަށްކޮށްފައިވަނީ ވަގުތީ ސަސްޕެންޝަނެއްކަމަށާއި، ނިއުއިން ކުޅުންތެރިންނަށް މުސާރަ ހަމަޖެއްސުމާއިއެކު އެ ސަސްޕެންޝަން އުވޭނެކަމަށެވެ. މިއަދު އޮތް އެފްއޭއެމްގެ ކޮންގްރެސްގައި ނިއުރޭޑިއަންޓްގެ ސަސްޕެންޝަނާއި ގުޅޭގޮތުން ކުލަބުތަކާއި މަޝްވަރާކުރެވި އެކަމަށްވަނީ ވޯޓަށް އަހާފައެވެ. ހާޒިރުވި ކުލަބުތަކުގެ ތެރެއިން 14 ކުލަބުގެ ތެރެއިން ވިކްޓްރީއާއި މަހިބަދޫ ފިޔަވައި އެހެން ހުރިހާ ކުލަބަކުންވަނީ ނިއުރޭޑިއަންޓް ސަސްޕެންޑްކުރުމަށް ތާއީދުކޮށްފައެވެ. ކުލަބުތަކުން ނިއުގެ ސަސްޕެންޝަނަށް ތާއީދުކުރުމާއިއެކު މި ސީޒަންގެ އެއްވެސް މުބާރާތެއްގައި ނިއުރޭޑިއަންޓަށް ވާދަނުކުރެވޭނެއެވެ. ނިއުގެ ސަސްޕެންޝަނާއިއެކު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަން ފުރުސަތު ލިބޭނީ ކޮން ކުލަބަކަށްތޯ އެހުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ކުރިއަށް އޮތް ހަފްތާތެރޭގައި އެފުރުސަތު ލިބޭ ކުލަބު އިއުލާންކުރާނެކަމަށާއި، އުސޫލުތަކަށް ބަލާއިރު ފުރުސަތު އޮތީ ޖޭޖޭ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިޔާއަށެވެ.