ޚަބަރު

އަމާޒަކީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫރޯއަށް ކޮލިފައިވުން - ލޮރިސް



އަމާޒަކީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވުން ކަމަށް، ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ބުނެފިއެވެ.

2020ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި މިރޭ އައިސްލޭންޑާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ލޮރިސް ބުނީ، ކޮލިފައިން ގައި ކޮންމެ މެޗަކީވެސް ވާދަވެރި މެޗެއް ކަމަށާއި، އައިސްލޭންޑަކީ ގުރޫޕުގެ ފޭވަރިޓުންގެ ތެރެއިން އެއް ގައުމު ކަމަށެވެ.

ލޮރިސް ބުނީ، އޭނާ ދެކޭގޮތުގައި ގުރޫޕުގެ ފޭވަރިޓުންނަކީ އައިސްލޭންޑާއި ތުރުކީ ކަމަށެވެ. އެހެންކަމުން ފްރާންސުން މަސައްކަތް ކުރާނީ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެން އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވާން ކަމަށްވެސް ލޮރިސް ބުންޏެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފްރާންސްގެ ކޯޗް ޑިޑިއޭ ޑިސޯމްޕް ބުނީ، ފްރާންސް ނިކުންނާނީ އެންމެ ފަހުން މޮލްޑޯވާ މެޗުން ލިބުނު ކާމިޔާބީ އާއިއެކު، އެ މޯޓިވޭޝަނާއި އެކުގައި ކަމަށާއި، އައިސްލޭންޑާއި ދެކޮޅަށްވެސް ނިކުންނާނީ އެމެޗުގައި ދެއްކި ވަރުގަދަ ކުޅުން ތަކުރާރު ކުރަން ކަމަށެވެ.

ފްރާންސުން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި މޮލްޑޮވާ އަތުން މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.