 
					
									
			
ޔޫރޯ ކޮލިފައިންގައި ރޭ ކްރޮއޭޝިއާގެ މައްޗަށް ހަންގޭރީ ކުރި ހޯދައިފިއެވެ. 
ފީފާ ރޭންކިންގެ 52 ވަނައިގައި އޮތް ހަންގޭރީ މި މެޗު ކާމިޔާބުކުރީ ކްރޮއޭޝިއާގެ މައްޗަށް ދެ ލަނޑު އެއް ލަނޑުން ކުރި ހޯދާއިގެންނެވެ. ކްރޮއޭޝިއާ އޮތީ ފީފާ ރޭންކިންގެ ހަތަރުވަނައިގައެވެ. 
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލުގައިވެސް ވާދަކުރި ކްރޮއޭޝިއާ ރޭގެ މެޗުން ބަލިވެފައިވަނީ މެޗްގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި ލީޑްވެސް ނަގައިފައިވަނިކޮށެވެ. މެޗްގެ 13 ވަނަ މިނެޓްގައި ކްރޮއޭޝިއާއަށް މި ލަނޑު ޖަހައިދިނީ އެ ޓީމްގެ އަންޓޭ ރެބިޗް އެވެ. 
ހަންގޭރީ އަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ 34 ވަނަ މިނެޓްގައި އެޑަމް ޒަލާއީއެވެ. ހަންގޭރީ އިން މި މެޗްގައި ލީޑް ނަގައި ނަތީޖާ އެމީހުންގެ ކޮޅަށް އަނބުރާލީ މެޗް ނިމެން 14 މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަޓްކާއީއެވެ.
ނޭޝަންސް ލީގުގައި އިންގްލެންޑާއި ސްޕެއިންގެ ފަހަތުން ގްރޫޕުގެ ތިން ވަނަ ލިބުނު ރެލިގޭޓްވި ކްރޮއޭޝިއާ ވޯލްޑް ކަޕަށްފަހު ވަނީ ފޯމު ދަށްވެފައެވެ. ޔޫރޯ ކޮލިފައިންގެ ފުރަތަމަ މެޗުގައިވެސް އަޒަރުބައިޖާންއާ ވާދަކޮށް 2-1 އިން އެޓީމަށް ލިބުނީ ހަނި މޮޅެކެވެ.