ވިޔަފާރި

މުއާމަލާތެއް ނުކުރާތާ 5 އަހަރުވެފައިވާ އެކައުންޓްތަކުގެ މައުލޫމާތު އެޗްއެސްބީސީން އާންމުކޮށްފި


އެޗްއެސްބީސީގެ ރާއްޖޭގެ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން އެއްވެސް މުއާމަލާތެއް ނުކުރާތާ 5 އަހަރުވެފައިވާ 38 އެކައުންޓެއްގެ މައުލޫމާތު އެ ބޭންކުން އާންމުކޮށްފިއެވެ.

އެޗްއެސްބީސީން ބުނީ، އެ އެކައުންޓްތަކަކީ، ހުސްވި އަހަރުގެ ނިޔަލަށް، 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ އެކައުންޓްތަކެއްކަމަށެވެ.

"ޑޯމަންޓް އެކައުންޓް"ތަކުގެ ތަފްސީލް އެ ކަސްޓަމަރަކު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން ފޮނުވާފައިވާނެކަމަށް އެޗްއެސްބީސީން ބުނެއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު މި ލިސްޓް ވަނީ އާންމުކޮށްފައެވެ. ލިސްޓު އާންމު ކުރާތާ 60 ދުވަހުގެ ތެރޭގައި އެކައުންޓްތަކުގައިވާ ފައިސާއާއި ހަވާލުނުވާނަމަ، އެ ފައިސާ މަރުކަޒީ ބޭންކަށް ހަވާލުކުރުމަށް ފަހު، އެކައުންޓުތައް ބަންދުކުރާނެ ކަމަށް ވެސް އެޗްއެސްބީސީ އިން ބުނެއެވެ.

ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ނުދިނުމަށްޓަކައި، އެ އެކައުންޓުތަކުގެ ވެރިފަރާތްތަކުން އައިޑީކާޑުގެ ކޮޕީއާއެކު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 2:00 އާ ދެމެދު އެޗްއެސްބީސީއަށް ގޮސް އެކަން ހައްލު ކުރުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ބޭންކިންގ އާއި ބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ވާގޮތުން، އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ނުކޮށް ނުވަތަ ބެންކަށް ލިޔުމަކުން އަންގާފައިނުވާ، 5 އަހަރު ދުވަސް ވެފައިވާ އެކައުންޓަކީ "ޑޯމަންޓް އެކައުންޓް" އެއްގެ ގޮތުގައި ބެލޭވޭނެ އެކައުންޓެކެވެ.