ޚަބަރު

އިންޓަރ އޮފީސް ބިލިއާޑް މުބާރާތަށް ބޮޑު ބަދަލެއް ގެންނަނީ


މިއަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތަށް ލިބުނު ބޮޑު ތަރުހީބާއިއެކު އަންނަ އަހަރުގެ މުބާރާތުގެ ޓީމް އިވެންޓަށް ބަދަލުތަކެއް ގެންނަން ވިސްނަމުންދާކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބުނެފިއެވެ.

އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރ އަހުމަދު މާހިދު ބުނީ، މިއަހަރުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބުމާއިއެކު އަންނަ އަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން، ޓީމް އިވެންޓްގެ މެޗުތަކަށް ބަދަލު ގެނައުމަށް ވިސްނާފައިވާ ކަމަށެވެ. އެގޮތުން މިހާރު، ޓީމް އިވެންޓުގެ ތިން ޓެބަލް އެއިޓްބޯލްއަށް ކުޅުނު ފޯމެޓަށް ބަދަލުގެނެސް ތިން ޓޭބަލް ތިންގޮތަށް ކުޅޭގޮތަށް ފޯމެޓަށް ބަދަލުގެންނަން ވިސްނާފައިވާ ކަމަށް މާހިދު ބުންޏެވެ.

މިގޮތަށް ބަދަލު ގެނެސްފިނަމަ ޓީމް އިވެންޓުގައި އެއް ޓޭބަލް އެއިޓް ބޯލްއަށް ކުޅޭއިރު އަނެއް ޓޭބަލް ކުޅޭނީ ނައިން ބޯލްއަށް. އަދި ތިންވަނަ ޓޭބަލް ކުޅެނީ ޓެން ބޯލްއަށެވެ.

މާހިދު ބުނީ މިގޮތަށް ފޯމެޓަށް ބަދަލުގެނައުމުން، މުބާރާތް އިތުރަށް ފޯރި ގަދަވެގެންދާނެ ކަމަށާއި، ބިލިއާޑް ކުޅުމަށް އިތުރު ފަރާތްތަކުން ޝާއުގުވެރިވެ، އިތުރު ކުޅުންތެރިން އުފެދިގެންދާނެ ކަމަށެވެ.

"މިއަހަރުގެ މުބާރާތް މި ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާއިއެކު، އެހެން އަހަރުތަކާއި ޚިލާފަށް ބޭރު ކުޅުންތެރިންވެސް ފެނިގެންދިޔަ، އެހެންވީމަ ލިބުނު ތަރުހީބަށް ބަލާފައި އަންނަ އަހަރުގެ ޓީމް އިވެންޓަށް ބަދަލުގެންނަން ވިސްނާފަ އޮންނާއި." މާހިދު ބުންޏެވެ.

އޭނާ ބުނީ، މިއަހަރުގެ މުބާރާތުގައިވެސް ގިނަ ޓީމްތަކެއް ބައިވެރިވި ކަމަށާއި، އަހަރުގެ އެންމެ ފުރަތަމަ މުބާރާތަކަށް އިންޓަ އޮފީސް މުބާރާތް ބާއްވަނީވެސް، މިމުބާރާތުން ހުނަރު ދައްކާ ގިނަ އައު ކުޅުންތެރިންނަށް ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.