ޚަބަރު

ރޯމާގެ ކޯޗުކަމާއި ރަނިއޭރީ ހަވާލުވެއްޖެ.


މިސީޒަނުގެ ނިޔަލަށް، އިޓަލީގެ ކްލަބް ރޯމާގެ ކޯ×ޗުކަން ކްލައުޑިއޯ ރަނިއޭރީ އާއި ހަވާލުކޮށްފިއެވެ.

ހައިރާން ކުރުވަނިވި ގޮތަކަށް އިނގިރޭސި ޕްރެމިއާ ލީގު 2016ވަނަ އަހަރު ލެސްޓާސިޓީއަށް ކާމިޔާބުކޮށްދިން ކޯޗް ރަނިއޭރީ ރޯމާގެ ކޯޗުކަމާއި ހަވާލުވެފައި މިވަނީ، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެޓީމު ކެޓުމާއި ގުޅިގެން އެކުލަބުގެ ކުރީގެ ކޯޗް ޔުސޭބިއޯ ޑި ފްރެންސިސްކޯ މަގާމުން ވަކި ކުރުމަށްފަހުއެވެ.

މިއީ ދާދިފަހުން، ނަތީޖާތަށް ގޯސްވުމުގެ ސަބަބުން، ފްލަމްގެ ކޯޗުކަމުން ވަކިކުރި ރަނިއޭރީ ރޯމާގެ ކޯޗުކަމާއި ހަވާލުވި ދެވަނަ ފަހަރު، ރޯމާގެ ކުރީގެ ޑިފެންޑާރ ރަނިއޭރީ އެންމެ ފުރަތަމަ އެޓީމަށް ކޯޗުކަން ކޮށްދީފައިވާނި 2009 އަހަރުން ފެށިގެން 2011ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ރޯމާ ވަނީ އިޓާލިއަން ކަޕުގެ ފައިނަލުގައި ކުޅެފައެވެ. އަދި އިޓާލިއަން ސެރީއޭގެ ދެވަނާގައި އިންޓަ މިލާނަށްވުރެ ދެޕޮއިންޓް ފުލުގައި އޮވެގެން ނިންމާލާފައެވެ.

ކޯޗުކަމާއި ހަވާލުވުމަށްފަހު ރަނިއޭރީ ބުނީ، އެނބުރި ގެއަށް އާދެވުމުން ވަރަށް އުފާވާ ކަމަށާއި، ރޯމާއި ގޮވާލާ ގޮވާލުމަށް ފުރަގަސް ދިނުމަކީ ނުވާނެ ކަމެއް ކަމަށެވެ.

ރޯމާގެ ޑިރެކްޓާ އަދި ކުރީގެ ކުޅުންތެރިޔާ ޓޮޓި ބުނީ، ރަނިއޭރީ އަކީ ދުނިޔޭގެ ފުޓުބޯޅާގައި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށާއި، އޭނާއަކީ އަބަދުވެސް ރޯމާގެ މީހެއް ކަމަށެވެ. އަދި ރަނިއޭރީގެ އިރުޝާދުގެ ދަށުން މިހާރު ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ، ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުން ކަމަށްވެސް އޭނާބުންޏެވެ.