ކުޅިވަރު

އިތުރުގޮތެއް ނެތިގެން ރާޅުގަނޑު ސަރަހައްދު ސާފުކުރަން ރާޅާއެޅުންތެރިން ނިކުންނަނީ!


ރާޅުގަނޑު ސަރަހައްދު ސާފުކުރުމުގެ ޕްރޮގުރާމެއް ހިންގަން ރާޅާއެޅުންތެރިން އިސްނަގައިފިއެވެ.

ބްރިޖު ހެދުމުގެ މަސައްކަތުގައި އެސަރަހައްދަށް އެޅިފައިވާ ގިނަ އަދަދެއްގެ ދަގަނޑު ނެގުމަށް ރާޅާއެޅުންތެރިން ވަނީ މީގެ ކުރިންވެސް އެކިފަހަރުތަމިން، ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް އެކަން ސަމާލުކަމަށް ގެނެސްފައިއެވެ. ނަމަވެސް، އަދި މިހާތަނަށް އެތަނަށް އެޅިފައިވާ ދަގަނޑުތަށް ނެގުމަށް ޢަމަލީގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ރާޅާއެޅުންތެރިން އަމިއްލައަށް އިސްނަގައިގެން މި ސަރަހައްދު ސާފުކުރުމަށް ޚާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެމުން، މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އަޙުމަދު އަރީފް ބުނީ، ރާޅުގަނޑު ސަރަހައްދު މޫދަށް އެޅިފައިވާ ދަގަނޑުތަށް ނަގައިދިނުމަށް އެދި ކަމާބެހޭ ހުރިހާ ފަރާތްތަކާއިއެކު، އެކުފަހަރުމަތިން މަޝްވަރާ ކުރި ކަމަށާއި، ނަމަވެސް މާބޮޑު ތަރުހީބެއް ލިބިފައި ނުވާކަމަށެވެ. އަދި އެންމެ ފުރަތަމަ މަޝްވަރާތަކުގައި، ބުރިޖުގެ މަސައްކަތް ކުރާ ފަރާތުން، މަސައްކަތް ނިންމާލުމަށްފަހު އެ ސަރަހައްދު އެއްކޮށް ސާފުކުރާނެ ކަމަށް ބުނި ކަމަށާއި، ނަމަވެސް އޭރު އެއްބަސްވި އެއްވެސް ގޮތަކަށް ކަންތައްތައް ކޮށްފައި ނުވާކަމަށްވެސް އަރީފް ބުންޏެވެ.

އަރީފް ބުނީ، ބުރިޖުގެ މަސައްކަތްތަކަށް ރާޅުގަނޑު ސަރަހައްދު ބަންދުކުރީ، އެސަރަހައްދުގައި ރާޅާއެޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ ކަމަށާއި، އަލުން އެސަރަހައްދު ރާޅާއެޅުންތެރިންނަށް ހުޅުވާލިއިރު އެސަރަހައްދު ސާފުނުކޮށް، ދަގަނޑު ގޮނޑެއްހެން އޮތުމުން އޭރު ދެއްކި ވާހަކައިގެ އެއްވެސް މާނައެއް ނެތް ކަމަށް.

" އަސްލު އޭރު މިތަން ބަންދުކުރީ ރައްކާތެރިއެއް ނޫނޭ ކިޔާފަ، މިހާރު އަލުން ހުއްދަ ދިންއިރު މިއޮތީ މުޅި ތަނުގަ ދަގަނޑު، މިހެން އޮއްވައި ރާޅާ އެޅުން ރައްކާތެރިއެއް ނޫން، އެހެންވީމަ ހަޑިކުރި ގޮތަށް ސާފުކޮށްދިނުންވެސް އެއީ ރަނގަޅުގޮތެއް. އޭރު ބުނި، މަސައްކަތް ނިންމާލާއިރު ޕްލެޓްފޯމުގެ ތަނބު ތަކުގެ ބުޑުވެސް ނަގާނަމޭ، އެކަމު އެވެސް ހުރީ ބުރިކޮށްލާފަ، ބުނި ގޮތާ ހިލާފަށް ހުރީ. އެބައިތަށް ނަގައިގެން ނޫނީ އެއްކޮށް ސާފު ނުވާނެ، ނެގުންވާނީ ބޮޑު ބުރަ މަސައްކަތަކަށް. އެކަމަކު އަހަރެމެން މިތިބީ އަމިއްލަގޮތުންވެސް ވީވަރަކަށް ސާފުކުރަން، ކަމާބެހޭ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ނުލިބޭތީ މައްސަލައަކީ،" އަރީފް ބުންޏެވެ.

ރާޅުގަނޑު ސަރަހައްދުގެ ހާލަތު ކިޔައިދެމުން، ރާއްޖޭގެ އެއްވަނަ ބޮޑީބޯޑާރ ޢާލީ ޚުޝްރުވާން އަޙުމަދު ބުނީ، އެސަރަހައްދުގެ މޫދުގައި ގާތްގަނޑަކަށް ފަނަރަ ފޫޓުގެ ދިގު ދަގަނޑު ހޮޅި އެބަހުރި ކަމަށާއި، ބުރިޖު ހެދުމަށް ފުރަތަމަ ހެދި ޕްލެޓްފޯމުގެ ތަނބުތަކުގެ ބުޑުވެސް ހުރީ ނުނަގައި ކަމަށެވެ. އަދި ރާޅާއެޅުމުގައި، ރާޅުހޮޅި ދަށުވެ އެއިން ދަގަނޑެއްގައި ޖެހިއްޖެނަމަ އެއީ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
އަދި ރާޅުގަނޑަކީ ދިވެހި ރާޅާއެޅުންތެރިން ކޮންމެ މުބާރާތަކަށްވެސް ފަރިތަކުރަން އެންމެ ރަނގަޅު ރޭންޖުގެ ރާޅު ނަގާތަން ކަމަށާއި، މި ސަރަހައްދުގައި ރާޅާއަޅަން ބިރުވެރި ކަމެއްގެ ތެރޭގައި ހުންނަން ޖެހޭނަމަ އޭގެ ސަބަބުން، މިކުޅިވަރު ތަރައްގީކޮށް، މިހާރަށްވުރެ ގިނަ ބޮޑެތި ކާމިޔާބީތަށް ރާއްޖެއަށް ގެންނަން ބޮޑު ހުރަހަކަށް ވެގެންދާނެ ކަމަށެވެ.


"އަސްލު މިތަނަށް އެރިލީމަ އެނގޭނީ މިތަން އޮތްގޮތް، ކިރިޔާވެސް ރައްކާތެރިއެއް ނޫން. ޗެނަލްތަކުގެ ދޭތެރޭގަވެސް ބޮޑެތި ދިގު ހޮޅި އެބަހުރި، ރާޅު ދަށުވެގެން އެއިން އެއްޗެއްގަ ޖެހިއްޖެޔާ ފުރާނައަށްވެސް ނުރައްކާވާނެ، މިއީ ބިގިނާސް އަށްވެސް ފަރިތަކުރަން އެންމެ ރަނގަޅު ރޭންޖުގެ ރާޅު ނަގާތަން، ބައިނަލްއަގްވާމީ މުބާރާތް ތަކަށްވެސް މިދަނީ މިތަނުގަ ފަރިތަކޮށްފައި. ކޮންމެ ފަހަރަކު ގޮސް ގައުމު ތަމްސީލު ކޮށްފަ މި އަންނަނީ، ގައުމަށް ރީތިނަން ހޯދައިދޭން މި މަސައްކަތް ކުރަނީ، އެކަމު މިތަން މިއޮތީ އޮތްގޮތް." ޢަލީ ޚުޝްރުވާން ބުންޏެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ފެށިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ހަރަކާތުގައި، އެހީތެރިކަން ފޯރުކޮށްދީ ޢަމަލީގޮތުން ހަރަކާތްތެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެފުރުސަތު ހުޅުވާލެވިފައިވާކަމަށް މި ހަރަކާތް ރާވާ ފަރާތުން މަޢުލޫމާތުދެއެވެ.