ޚަބަރު

ތާރީޚީ ފެތުމުގައި ބައިވެރިވި ފެތުންތެރިންގެ އަގުވަޒަންކޮށްފި


ސްވިމް މޯލްޑިވްސް ބާ ބަޔޮސްފިޔާ ރިސާރވް 2019 ހަރަކާތުގައި ފެތި 8 ބައިވެރިންނަށް، އެކަމުގެ އަގުވަޒަންކޮށް ޓޫރިޒަމް މިނިސްޓާ އަލީ ވަހީދު ހިއްވަރުދެއްވާ ޚާއްސަ ސެޓްފިކެޓެއް ދެއްވައިފިއެވެ.

މި 8 ބައިވެރިންނަށް މިނިސްޓަރ އަލީ ވަހީދު ސެޓްފިކެޓް ދެއްވާފައިވަނީ އެކަމަށްޓަކައި ޚާއްސަކޮށްގެން ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައެވެ.

މި ހަފްލާގައި ވާހަކަ ފުޅުދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ފެތުމަކީ ރާއްޖޭގައި، ފުޅާ ދާއިރާއެއްގައި ކުރިއެރުވޭނެ ކުޅިވަރެއްކަމަށާއި، މިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް. އަދި ކުޅިވަރުގެ ދާއިރާއިން ރާއްޖެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މިފަދަ ހަރަކާތްތަކުގެ ސަބަބުން ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި.

"މިފަދަ ހަރަކާތްތަށް މުސްތަގުބަލުގައިވެސް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅެން. އަދި ރާއްޖޭގެ ޒިޔާރަތް ކުރާ ފެތުންތެރިންގެ އިތުރުން ފަތުރުވެރިންވެސް މިފަދަ ހަރަކާތްތަކުގައި ބައިވެރި ކޮށްގެން އިވެންޓްތަށް ކުރިއަށް ގެންދަން މަސައްކަތް ކުރާނަން." މިނިސްޓަރ ޢަލީ ވަހީދު ބުންޏެވެ.

މި ތާރީޚީފެތުން ކާމިޔާބުކަމާއިއެކު ނިންމާލި 8 ބައިވެރިންނަކީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި، ހުއްޓުމެއްނެތި 24 ގަޑިއިރު ދުވެގެން ރެކޯޑް ހެދި އާތިފް އަޙުމަދާއި، ޒުވާން ފެތުންތެރިޔާ އާމިނަތު އަޒްކާ އާއި، ފެތުންތެރިޔާ އަންވަރު ޙުސައިން އާއި، ގައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގެ ޑައިވާ އަޙުމަދު މުޖުތަބާ މުޙައްމަދާއި، ގައުމީ ޓީމުގެ ފެތުންތެރިޔާ ޙުސައިން މުބާހް އާއި، ކުރީގެ ގައުމީ ކޯޗް ފަރުހާން އިސްމާއީލް އާއި، ސްވިޑެންގެ އޯޕެން ވޯޓާ ސްވިމިން ފެޑެރޭޝަންގެ ހެޑް ކޯޗް، މައިކް ރޯޒަން އެވެ.

އަދި މީގެ އިތުރުން މިފެތުމުގައި ބައިވެރިވި އެންމެ ހަގު ފެތުންތެރިތާ އައިޝާ ނޯޔާ އަބްދުﷲ އިބްރާހިމް އަށާއި، މި ހަރަކާތުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވި ހުރިހާ ފަރާތަށްވެސް މިނިސްޓަރ އަލީ ވަހީދުވަނީ ޝުކުރުއަދާކޮށް އެފަރާތްތަކަށްވެސް ސެޓްފިކެޓް ދެއްވާފައެވެ.

މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން 1 ހަފްތާއަށް ދިގުދެމިގެންދިޔަ މި ފެތުމަކީ ރާއްޖޭގައި މިހާތަނަށް ފެތި އެންމެ ދިގު ފެތުމެވެ. މި ފެތުމުގައި ޖުމްލަ 23 ރަށަށް ފެތުންތެރިން ވަނީ މަޑުކޮށްފައެވެ.