ކުޅިވަރު

ޔޫތް ޗެމްޕިއަންޝިޕަކީ ކުޅުންތެރިން އުފެއްދުމުގެ ބޭނުމުގައި ބާއްވާ މުބާރާތަކަށް ވާންޖެހޭ - ސަމްޕަތު


ޔޫތް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަކީ ނަމެއްގައި ބާއްވާ މުބާރާތެއްގެ ބަދަލުގައި ކުޅުންތެރިން އުފެއްދުމުގެ ބޭނުމުގައި ބާއްވާ މުބާރާތަކަށް ވާންޖެހޭކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ޒުވާން ޓީމުގެ ކޯޗް އަޝްރަފު ލުތުފީ ބުނެފިއެވެ.

އޭނާ މިހެން ބުނެފައި މިވަނީ، މިފަހަރުގެ ޔޫތް ޗެމްޕިއަންޝިޕް މުބާރާތުގެ ފޯމެޓަށް ގިނަ ކޯޗުންތަކެއް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

އަޝްރަފް ލުތުފީ ބުނީ، މިފަހަރުގެ މުބާރާތައް ފަރިތަކުރަން ޓީމުތަކަށް ލިބުނީ މަހެއްހާދުވަސް ކަމަށާއި، އަދި މުބާރާތުގެ ތެރޭގައި ކޮންމެ ޓީމަކަށްވެސް މެޗުތަށް ކުޅެން ޖެހުނީ ކައިރި ކައިރީގައި ކަމަށެވެ. އެހެންކަމުން ކޯޗުން ބޭނުންވާ ވަރަށް ކުޅުންތެރިންނަށް ޓްރެއިނިން ނުދެވޭ ކަމަށެވެ.

އަދި ޒުވާން ކުޅުންތެރިންގެ ހުނަރި ހުރި ނަމަވެސް ދަސްކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި، އެއްމަސް ދުވަހުގެ ތެރޭގައި ޒުވާން ޓީމެއް އެކުލަވާލުމަކީ އުނދަގޫ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާބުނީ އެއްމަސް ދުވަހުގެ ތެރޭގައި ޓްރަޔަލްއެއް ބާއްވައި އޭގެ ތެރެއިން ފައިނަލް ޓީމެއް ނަގައިގެން އެޓީމު ތަމްރީން ކުރާނެ ވަގުތު ނުލިބޭ ކަމަށާއި، ރަނގަޅު ޓީމެއް ތައްޔާރުކުރަން މަދުވެގެން 8 ހަފްތާވަރު ބޭނުންވާނެކަމަށެވެ.

" ފަރިތަކުރަން ލިބުނީ އެއްމަސް، ދެން ޓްރައަލްއަށް ހުޅުވާލީމަ އެބަ އާދޭ ސާޅީހަކަށް ފަންސާހަކަށް ކުދިން، ދެން ފައިނަލް ޓީމެއް ސެލެކްޓް ކޮށްފަ ހަގީގަތުގައި އެއްމަސްތެރޭ ބޭނުންވާ ވަރަށް ފަރިތަކުރުންތަކެއް ނުބޭއްވޭ. މަދުވެގެން 8 ހަފްތާ ވަރު ބޭނުންވާނެ. " އަޝްރަފު ލުތުފީ ބުންޏެވެ.

އަޝްރަފް ލުތުފީ ބުނީ، މިގޮތަށް މުބާރާތް ބޭއްވުމުން ބޮޑަށް ދޭހަވަނީ، މިއީ ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން ބާއްވާ މުބާރާތެއްގެ ގޮތުގައި ކަމަށާއި، މިއީ ކުޅުންތެރިން އުފައްދެމުގެ ބޭނުމުގައި ބާއްވާ މުބާރާތައް ވާންޖެހޭކަމަށެވެ.