ކުޅިވަރު

ޕްރިމިއަރ ލީގަށް ވާދަކުރާ ފަސް ކުލަބު އެބައޮތް - ގާޑިއޯލާ


ޕްރިމިއަރ ލީގަށް ވާދަކުރާ ފަސް ކުލަބު މިހާރު އެބައޮތްކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އެވަޓަން އާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ގާޑިއޯލާ ބުނީ، އެވަޓަން އަތުން ތިން ޕޮއިންޓް ހޯދަން އުނދަގޫވާނެ ކަމަށާއި، މާޒީއަށް ބެލިކަމުގައި ވިޔަސް އެޓީމުން އޮތީ ސިޓީ ބަލިކޮށްފައި ކަމަށް. ނަމަވެސް ފަސް އެނބުރި ބަލަން ބޭނުން ނުވާ ކަމަށާއި، މެޗަށް ނިކުންނާނީ މޮޅަކާއިއެކު އެއްވަނައަށް އަރަން ތައްޔާރުވެގެންކަމަށެވެ.

ގާޑިއޯލާ ބުނީ، ލީގުގެ ފޯރި މިހާ ގަދަވެފައިވާ ދަނޑިވަޅެއްގައި، ކުޅޭ ކޮންމެ މެޗަކީވެސް މޮޅުވާން މަޖުބޫރު މެޗެއް ކަމަށާއި، އެއްވަނާގައި ލިވަޕޫލް އޮތް ނަމަވެސް ލީގަށް ވާދަކުރާ ފަސްޓީމް އެބައޮތްކަމަށެވެ.

ގާޑިއޯލާ ބުނީ ފާއިތުވި ހަފްތާ ވެގެންދިޔައީ ހައިރާން ކުރުވަނިވި އެތައް ނަތީޖާތަކެއް ނިކުތް ހަފްތާއަކަށް ކަމަށާއި، އޭނާ ހުރީ ކުރިންވެސް ލީގު މިހާ ވާދަވެރިވާނެ ކަން ދަނެގެން ކަމަށެވެ.

ސިޓީއިން މިރޭ އެވަޓާން އާއި ދެކޮޅަށް ނިކުންނައިރު އެއްވަނާގައި އޮތް ލިވަޕޫލް އާއި އެޓީމާއި ދެމެދު އޮތީ އެންމެ ތިން ޕޮއިންޓުގެ ފަރަގެކެވެ.

އެހެންކަމުން މިރޭގެ މެޗު ސިޓީއިން ކާމިޔާބުކޮށްދިނަމަ، އެއްމެޗު އިތުރަށް ކުޅެ ފައިދާ ގޯލުގެ ތަފާތުން ސިޓީއަށް ތާވަލުގެ އެއްވަނަ މަގާމު ލިބޭނެއެވެ.