ކުޅިވަރު

އެންމެ ފަހުގެ ޗެމްޕިއަން ގްރީން ބަލިކޮށް މާޒިޔާއިން ޔޫތް ޗެމްޕިއަންޝިޕުގެ ފެށުން ރަނގަޅުކޮށްފި


އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާއިން ޔޫތް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕު ބީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާއިން ގްރީންގެ މައްޗަށް ކުރިހޯދީ 1-0ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނުނު މިމެޗުގެ ހަމައެކަނި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 37ވަނަ މިނެޓުގައި އިބްރާހިމް އިމްރާނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް އަޙުމަދު ސުޒައިރު ބުނީ، މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވުން އެއީ އިތުރަށް ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، ފުރަތަމަ މެޗުގައިވެސް އެންމެ ފަހުގެ ޗެމްޕިއަނުންނާއި ދެކޮޅަށް ކުޅެން ޖެހުމުން ކޮންމެވެސް ވަރަކަށް ކުޅުންތެރިންނަށް ޕްރެޝަރާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި މާޒިޔާ އޮތީ އުނދަގޫ ގުރޫޕެއްގައި ކަމުން މެޗަށް ނިކުތުމުގެ ކުރިންވެސް މެޗުން މޮޅުވުމުގެ މުހިންމުކަން ވިސްނައިދީ ވަރަށް ބޮޑަށް ކުޅުންތެރިނަށް އިރުދުޝާ ދިން ކަމަށް އޭނާ ބުންޏެވެ.

"މުބާތުގައި މާޒިޔާ މިއޮތީވެސް ވަރުގަދަ ގުރޫޕެއްގައި، އަނެއްކޮޅުން ފުރަތަމަ މެޗުގައި ވަދަކުރަންވެސް މިޖެހުނީ އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް، އެހެންވެ މެޗަށް ނިކުތުމުގެ ކުރިންވެސް މެޗުން ކޮންމެހެންވެސް މޮޅުވާން ޖެހޭނެކަން ކުޅުންތެރިންނަށް ވިސްނައިދިނިން، މިއީހަމަ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" ސުޒައިރު ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗް އަޝްރަފް ލުތުފީ ބުނީ، މެޗުގައި ގްރީންގެ ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު ކަމަށާއި، މެޗުން ބަލިވީ ހެދުނު އެންމެ ގޯހެއްގެ ސަބަބުން ކަމަށެވެ. އަދި މެޗު ފަށައި ގަނެވުނީވެސް ތަންކޮޅެއް ދަށްކޮށް ކަމަށާއި ނަމަވެސް މާގިނައިރުތަކެއް ނުވެ ކުޅުން ރަނގަޅުކުރެވުނު ކަމަށް އޭނާ ބުންޏެވެ.

"އޯވަރޯލްކޮށް ކުޅުން ރަނގަޅޭ ބުނާނީ، އެއީ ކުޅުންތެރިން ކުޅުނީ ހަމަ ގޭމް ޕްރޭން ރާވާފައިވާގޮތަށް، އިރުޝާދާއި އެއްގޮތަށް، އެކަމަކު ހެދުނު އެންމެ ގޯހެއްގެ ސަބަބުން ބަލިވީ، އެއީ ހެދުނު އިންޑިވިޖުއަލް މިސްޓޭކެއް، އެނޫން މައްސަލައެއް ކުޅުމުގައި ނެތް،" އަޝްރަފު ބުންޏެވެ.

މުބާރާތުގައި މިރޭވެސް ކުޅޭނީ ގުރޫޕް ބީގެ މެޗެކެވެ. މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި އޭދަފުއްޓެވެ.