ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ އެޕާޓީގެ ޕްރައިމެރީގެ ވޯޓުލުން ފަށައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި 279 ކެންޑިޑޭޓުން ވާދަކުރެއެވެ. ޖުމުލަ 77 ދާއިރާގެ ވޯޓުލުން މިހާރު ފަށައިގެން ކުރިއަށް ދާއިރު، ޖުމުލަ 270 ވޯޓުފޮށި ބަހައްޓާފައިވެއެވެ. މި ޕްރައިމަރީގައި ވޯޓުލުމަށް 89091 މީހުން ރެޖިސްޓްރީ ކޮށްފައިވެއެވެ.
މި ޕްރައިމަރީގެ ވޯޓުލުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައިވެސް ކުރިއަށް ދެއެވެ.
ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ. އަދި ވޯޓުލުން މިރޭ 8:30 ގައި ބަންދުވާނެ ކަމަށާއި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން މާލޭގައި ކުރިއަށް ދާނީ އަރަބިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި ހިރިޔާ ސުކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރުން ވިލިމާލޭގައި ހުންނަ މުހިއްދީން ސްކޫލާއި ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި ކަމަށް އެމްޑީޕީން ވިދާޅުވެއެވެ.
މީގެ އިތުރުން ރަށްރަށުގައި ވޯޓްލުން ކުރިޔަށް ދާނީ އެރަށްރަށުން އެ ޕާޓީއަށް ހުއްދަ ލިބިފައިވާ ސުކޫލުތަކުގައި ކަމަށާއި ރާއްޖެއިން ބޭރުގައި ވޯޓްލުން އޮންނާނީ ސްރީލަންކާއާއި އިންޑިއާގެ އިތުރުން މެލޭޝިއާގައި ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.
މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބެވެ.
މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ވާދަކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
ޕްރައިމަރީއަކާއި ނުލައި 10 ފަރާތެއް އިންތިޚާބަށް ހޮވިފައިވާއިރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދާއި، ޗެއާޕާސަން ޙަސަން ލަތީފުގެ އިތުރުން ލީޑާރޝިޕުގެ ބައެއް ބޭފުޅުންނާއި، މިހާރުވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުން ވާދަކުރައްވައެވެ.