ދިވެހި ލީގުގައި ހުސްވެފައިވާ ދެ ޖާގައަށް އަންނަ ސީޒަނުގައި ވާދަކުރާ ޓީމުތައް ކަނޑައެޅުމަށް ކުޅުނު ރީޖަނަލް ލީގުތަކުގެ ތެރެއިން މާލޭ ރީޖަން، ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ބިސް ބުރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ބިސްބުރުން ހޯދީ، ދެވަނަ ޑިވިޝަނުގެ ދެވަނަ ބުރުގައި ކުޅުނު ފަހު މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-5 އިން ކުރިހޯދައި، ތާވަލުގެ ދެވަނައިގައި އޮތް ކްލަބް ޕީކޭގެ މައްޗަށް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.
ލީގު އުސޫލުން ކުރިއަށްދިޔަ ދެވަނަ ބުރުގައި ވާދަކުރި ހަތަރު ޓީމުން ވެސް، ކޮންމެ ޓީމަކުން ތިން މެޗު ކުޅެފައިވާއިރު ތާވަލުގެ އެއްވަނައިގެ ގޮތުގައި ބިސްބުރަށް ޗެމްޕިއަންކަން ލިބެނީ ތިން މެޗުން ހަ ޕޮއިންޓާއި ފައިދާ ހަތަރު ގޯލު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޕީކޭއަށް ވެސް ހަ ޕޮއިންޓު ލިބިފައިވާއިރު ފައިދާ ގޯލުގެ ގޮތުގައި ލިބެނީ އެންމެ ލަނޑެކެވެ.
ބިސް ބުރުން ޗެމްޕިއަންކަން ޔަގީންކުރި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ފުރަތަމަ ހާފުގައި، މެޗުގެ 31 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ބިދޭސީ ފޯވާޑް މަހްމޫދު އަޝްރަފް އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއްގައި ބޯޅަ ހޯދައި، ލޮރެންޒޯގެ ކީޕަރު ކައިރިން ބީޓުކޮށްލުމަށްފަހު އެ ޓީމުގެ މުޙައްމަދު ނަޝީދު ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ހާފު ނިމުމުގެ ކުރިން ބިސްބުރުން ދެވަނަ ލަނޑެއް ޖަހައި ލީޑުފުޅާކުރިއެވެ. ކީޕަރުގެ ބޯމަތިން ބޯޅަ ފޮނުވާލައިގެން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޙްމޫދެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ބިސްބުރުން ދެވަނަ ހާފު ފެށި ނަމަވެސް، މި ހާފު ފަށައިގެން 15 ވަނަ މިނެޓުގައި ލޮރެންޒޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ލިބުނު ހިލޭ ޖެހުމަކުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަމްދޫޙް އިބްރާޙީމެވެ.
އޭގެ 10 މިނެޓުފަހުން ލޮރެންޒޯއިން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއެއްގައި ހުސެއިން ހަނާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ލޮރެންޒޯއިން ނަތީޖާ ހަމަހަމަކުރިތާ މިނެޓެއްފަހުން ޓީމުގެ ކެޕްޓަން އިބްރާޙީމް އަފްނާން ޖަހައިދިން ލަނޑާއެކު ބިސްބުރުން އަލުން ލީޑުނެގިއެވެ. އަދި އޭގެ ތިން މިނެޓުފަހުން މަޙްމޫދު ހުރަސްކޮށްދިން ބޯޅައެއްގައި މުޅިން ހުސްކޮށްހުރެ، ބިދޭސީ ޑިފެންޑަރު މުޙައްމަދު ސައީދު ވަނީ ބިސްބުރުގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ބިސްބުރުން ޖެހި ފަހު ލަނޑަކީ މެޗުގެ އިތުރުވަގުތުގެ ވެސް އެންމެފަހު މިނެޓުގައި، މަޙްމޫދު އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަޝީދު ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއިން މެޗުން މޮޅުވެ، ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބިސްބުރުން ހޯދިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނަޝީދެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިސްބުރުގެ މަޙްމޫދެވެ.