ކުޅިވަރު

ބައިނަލްއަގްވާނީ ލަނޑު ލިސްޓުގައި މެސީއަށްވުރެ ޗެތުރީ ކުރިއަށް ޖެހިލައިފި


އޭޝިއަން ކަޕްގައި ތައިލޭންޑު ކޮޅަށް ޖެހި ދެލަނޑާއެކު އިންޑިއާގެ ފޯވާޑް ސުނިލް ޗެތްރީ، ބައިނަލްއަގްވާނީ ލަނޑު ލިސްޓުގެ ވިހިވަނައަށް ޖެހިލައިފިއެވެ.

ޗެތްރީ ވިހިވަނައަށް ޖެހިލީ ކުރިން ވިހިވަނާގައި އޮތް އާޖެންޓީނާގެ ފޯވާޑް ލަޔަނަލް މެސީ ފަހަތަށް ޖައްސާލުމައްފަހުއެވެ. ރޭގެމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ޗެތްރީވަނީ 105 މެޗުން 67 ގޯލު ހަމަކޮށްފައެވެ. މެސީ އޮތީ 128 މެޗުން 65 ގޯލާއިއެކުއެވެ.

މިލިސްޓުގެ އެއްވަނާގައި އަދިވެސް އޮތީ އީރާނުގެ ކުރީގެ ފޯވާޑް އަލީ ދާއީއެވެ. އޭނާވަނީ 149 މެޗުން 109 ގޯލު ޖަހާފައެވެ. ދެވަނަ ލިބެނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ރޮނާލްޑޯ ވަނީ 154 މެޗުން 85 ގޯލު ހަމަކޮށްގެން. އަދި މިލިސްޓުގައި، މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ އަކީ އެއްވަނާގައި އޮތް ކުޅުންތެރިއާއެވެ. އެހެންކަމުން، މިހާރު ކުޅޭ ކުޅުންތެރިންނަށް ބަލައިފިނަމަ ޗެތްރީއަށް ދެވަނަ ލިބެއެވެ.

އޭޝިއަން ކަޕްގައި އިންޑިޔާ ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކުރީ ހަތަރެއް އެކަކުންނެވެ. މެޗުގައި ޗެތުރީގެ އިތުރުން އިންޑިޔާގެ ދެ ގޯލް ޖަހައިދިނީ އަނިރުދް ތާޕާ އަދި ޖޭޖޭ ލާލްޕެކްލުއާއެވެ.