ކުޅިވަރު

ޔުނައިޓެޑަށް މުހިންމީ ރެކޯޑްތަކެއް ހެދުމެއް ނޫން - ސޮލްޝެއާ


އަމާޒަކީ ރެކޯޑުތަކެއް ހެދުން ނޫން ކަމަށާއި، އަމާޒަކީ ޔުނައިޓެޑުގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން ކަމަށް، ވަގުތީ ކޯޗް އޮލެ ގުނަ ސޮލްޝެއާ ބުނެފިއެވެ.

އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑުން ލީގުގައި ވަރުގަދަ ޓޮޓެންހަމް އާއި ދެކޮޅަށް ނިކުންނަ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސޮލްޝެއާ ބުނީ، މިހާރު އޭނާއަތުގައި އޮތް ޔުނައިޓެޑުގެ ތާރީހީ ރެކޯޑް ގާއިމް ކުރުމަށް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.

ސޮލްޝެއާ އަކީ ޔުނައިޓެޑުގެ ތާރީހުގައިވެސް ފުރަތަމަ ހަތަރުމެޗު ކާމިޔާބުކުރި ދެވަނަ ކޯޗެވެ. މިރެކޯޑް މީގެ ކުރިން ހަދާފައިވަނީ ކޯޗް މެޓް ބަސްބީއެވެ.

ސޮލްޝެއާބުނީ، ރެކޯޑް ދަމަހައްޓަން މަސައްކަތް ކުރުމަކީ އޭނައަށް މާ މުހިންމު ކަމެއް ނޫން ކަމަށާއި، ބޭނުންވަނީ އެންމެ ފުރަތަމަ ޓިމާއި ހަވާލުވުމަށްފަހު ބުނިގޮތަށް، ކުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ކަމަށެވެ. އޭނާ ބުނީ މިހާރުވެސް ޔުނައިޓެޑު ކުޅޭ ސްޓައިލް ތަފާތުވާނެ ކަމަށާއި، އެގޮތަށް ކުޅެ ތަފާތު ދަމަހައްޓައިފިނަމަ ޔުނައިޓެޑުން ސީޒަން ނިންމާލާނީ، މިސީޒަނުގައި ޔުނައިޓެޑަށް ހައްގު މަގާމުގައި އޮވެގެން ކަމަށެވެ.

ސޮލްޝެއާ އިތުރަށް ބުނީ، ޔުނައިޓެޑަށް، މިވަގުތަކީ ހެދޭ ރެކޯޑްތަށް ބަލައި އެކަމާއިގެން އުޅެންވީ ވަގުތު ނޫން ކަމަށާއި، ކެރިއަރުގައި ހެދިފައިވާ ރެކޯޑްތަށް ބަލާނީ މީގެ ވިއްސަކަށް އަހަރު ފަހުން ކަމަށެވެ.
އޭނާ ބުނީ ޓޮޓްންހަމް އަންނަނީ މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި، އެޓީމު ބަލިކުރަން އުނދަގޫވާނެކަމަށެވެ.

ލީގުގައި ޓޮޓްންހަމް މިވަގުތު އޮތީ ތިންވަނާގައި 48 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުނައިޓެޑު އޮތީ އެޓިމަށްވުރެ ދިހަ ޕޮއިންޓް މަދުން ހޯދައިގެން ހަވަނަ މަގާމުގައެވެ.