ކުޅިވަރު

ޔޫތް ޗެމްޕިއަންޝިޕަށް ޗެމްޕިއަން ގްރީން ސްޓްރީޓުން ތައްޔާރުވާން ފަށައިފި


ޔޫތް ޗެންޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސްއިން މިއަހަރުގެ މުބާރާތަށް އެކުލަވާލާ ޓީމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކުލަބުންވަނީ ފަސް ދުވަހުގެ ޓްރަޔަލް އަކަށް އިއުލާން ކޮށްފައެވެ. އެގޮތުން އެކުލަބުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6ވާ އާދީއްތަ ދަވަހުން ފެށިގެން 10ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 ގައެވެ. މި ޓްރަޔަލްގައި އެކާވީސް އަހަރުން ދަށުގެ ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރި ވުމުގެ ފުރުސަތު އޮންނާނެކަމަށް ކުލަބް ގްރީން ސްޓްރީޓްސްއިން މަޢުލުމާތުދެއެވެ.

ގްރީން ސްޓްރީޓުން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކްލަބް އީގަލްސްއާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

އެފްއޭއެމުން މިއަހަރުގެ ޔޫތް މުބާރާތުގެ އުމުރުފުރާއަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިއަހަރުގެ މުބާރާތް ކުޅޭނީ އެކާވީސް އަހަރުން ދަށަށް ހުޅުވާލައިގެންނެވެ.