ކުޅިވަރު

ބޭނުމީ އާސެނަލްގައި މަޑުކުރަން - އޮޒިލް


ހުށަހެޅުންތަކަށް ނޫނެކޭބުނެ އާސެނަލްގައި މަޑުކުރަން ޖާރުމަނުގެ ތަރި މެސުތް އޮޒިލް ނިންމައިފިއެވެ.

އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު މެޗުތަކެއް ގެއްލިފައިވާއިރު، ކޯޗު ބޭނުންވާ ސްޓައިލްގެ ކުޅުންތެރިއަކަށް އޮޒިލް ނުވާތީ ފިނިމޫސުމުގެ ޓްރާންސްފާގައި އެހެން ކުލަބަކަށް އޭނާ ބަދަލުވާނެކަމަށް ބެލެވުނު ނަމަވެސް، މީޑިއާރިޕޯޓްތަށް ބުނާގޮތުން އޮޒިލް މިހާރު ހުރީ އާސެނަލްގައި މަޑުކުރަން ނިންމައިގެންނެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ، މެންޗެސްޓާ ޔުނައިޓެޑުގެ ހުށަހެޅުމަށްވެސް އޮޒިލް އިންކާރު ކޮށްފައި ވާކަމަށް ރިޕޯޓް ކޮށްފައެވެ. އަދި އިޓަލީގެ އިންޓަ މިލާނުން އޮޒިލް ހޯދަން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ.

މީގެ އިތުރުން، އޮޒިލް އާސެނަލްގައި ބަހައްޓަން ކޯޗު އުނެ އެމެރީ ބޭނުންވާ ކަމަށްވެސް ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޮޒިލްއަށް މެޗުތަކެއް ގެއްލުމުގެ އިތުރުން، ޓެކްޓިކަލް ސަބަބުތަކަކަށްޓަކައި އޭނާއަށް ކޯޗު ފުރުސަތު ނުދިނުމުން އޮޒިލް ކުލަބު ދޫކޮށްލާނެކަމަށް ގިނަ ބަޔަކު އަންނަނީ ރެޕޯޓްކުރަމުންނެވެ.