ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރާ މެޓާރނިޓީ ހޯމްގެ އިމާރާތް މިއަންނަ މަހުގެ މެދެއްހާ ހިސާބުގެތެރޭގައި ނިމި ހިދުމަތް ދެވޭނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމް.ބީ.ސީ ނިއުސްއާއި މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ މި އިމާރާތަކީ ކުޅުދުއްފުއްޓަށް ވިހަންދާ މީހުންނާ އެމީހުންގެ އެހީތެރިންނަށް ލުއިފަސޭހަ ގޮތަކަށް ތިބެވޭނެ އިންތިޒާމް ހަމަ ޖެހިފައިވާ އިމާރާތެއްކަމަށެވެ.މިއީ ތޭރަ ކޮޓަރި ހިމެނޭ ދެބުރީގެ އިމާރާތެއްކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.މި އިމާރާތައް ގާތްގަނޑަކަށް ދިހަ މިލިޔަން ހަރަދު ވާއިރު ބޭރު ކުންފުންޏެއްގެ 95 އިންސައްތަ ހިލޭ އެހީ މި ޕްރޮޖެކްޓަށް ލިބިފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.މެޓާރނިޓީ ހޯމަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއްވެސް މިހާރު ގެންދެވިފައިވާކަމަށާއި އިތުރަށް ބޭނުންވާ އެހެނިހެން ވަސީލަތްތަށް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޤާސިމް ވިދާޅުވިއެވެ.މި އިމާރާތް ބޭނުން ކުރުމުގެ އުސޫލުތަކެއް ހަދަމުންދާކަމަށާއި އިމާރާތް ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފީއެއްގެ ގޮތުގައި ނަގާނެ އަދަދެއް އަދި ކަނޑަ ނާޅާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.