ޚަބަރު

ކައުންސިލްތަކަށް ފުރިހަމަ ބާރު ލިބުމަކީ، ތަރައްޤީގެ މަޝްރޫޢުތަކަށް މަގުވަފިވާނެ ކަމެއް- ނާއިބް ރައީސް


ކައުންސިލް ތަކަށް ފުރިހަމަ ބާރު ލިބުމާއެކު، ރަށްރަށުގައި މިހާރު ކުރަން ހުރި ކަންކަން ދެގުނަ ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނާއިބްރައީސް ވިދާޅުވީ ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ލިބުމުން، ތަރައްޤީއަށް ކުރަންހުރި ކަންކަން ރޭވުމުގެ ފުރުޞަތު ކައުންސިލްތަކަށް ލިބިގެންދާނެކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އަދި މިނިޒާމުތެރެއިން ތަރައްޤީ ގެނެވޭނީ ކައުންސިލްތަކަށް އެ ފުރުޞަތު އޮވެގެން ކަމަށާ، މީގެ ސަބަބުން ކައުންސިލްތަކުން ކުރާ މަސައްކަތްތައް ހަލުވިވެ، ތަރައްޤީގެ މަޝްރޫޢުތަކަށް މަގުފަހިވެގެންދާނެކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

ނާއިބް ރައީސް އައްޑޫ ސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި ވަނީ އައްޑޫސިޓީ ހުޅުމީދޫއަށް ވަޑައިގެން އެ ރަށުގެ ސިއްޙީ މަރުކަޒަށްވެސް ޒިޔާރަތް ކުރައްވާ އެތަނުގެ ހާލަތު ބައްލަވާފައެވެ. ހުޅުމީދޫ ސީއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ސިއްޙީ ނިޒާމެއް ފޯރު ކޮއްދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރެއްވިއެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި، ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ ހިތަދޫގައި ހުންނަ ކޮމިއުނިޓީ ސަރވިސް ސެންޓަރަށާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށްވެސް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުވަނީ، އެތަނުގައި ތިބި ބަލިމީހުންނާ ބައްދަލުކުރައްވާ، އެ މީހުންގެ ހާލުވެސް އޮޅުންފިލުއްވާފައެވެ.

އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ނާއިބް ރައީސް ކުރައްވާ މިދަތުރުފުޅަކީ ޖެންޑަރ މިނިސްޓްރީގެ ދަށުން އައްޑޫގައި ހިންގާ ތަންތަނުގެ ހާލަތު ބެއްލެވުމަށާއި ސިއްޙީ ޙިދުމަތްދޭ ތަންތަނުގެ ހާލަތު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.