ޚަބަރު

އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތަކާގުޅޭގޮތުން ވަޒީރުންނާ މަޝްވަރާކޮށްފި


އައްޑޫސިޓީއަށް ދިމާވެފައިވާ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އައްޑޫސިޓީ ކައުންސިލުން 6 ވަޒީރަކާ ބައްދަލުކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރާއި، ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲއާއި، އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި، އެޑިކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީއާއިމ ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި އައްޑޫސިޓީ ކައުންސިލުން ވަނީ އައްޑޫގެ މިސްކިތްތައް ބަލަހައްޓަން ދިމާވެފައިވާ ދަތިތަކާއި، ޒަކާތް ބެހުމުގައި ދިމާވާދަތިތަކާއި، އައްޑޫގައި ދެމުންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި އައްޑޫސިޓީއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވަޒީރުގެ ސަމާލުކަމަށް ގެނެސް، މިކަން ޙައްލުކުރުމާގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އައްޑޫގެ ކުނި މެނޭޖް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް އަވިން ހަކަތަ އުފެއްދުން އިތުރު ކުރުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މީގެއިތުރުން އައްޑޫސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، މަގުތަކަށް ގެންނަންޖެހޭ ބަދަލުތަކާބެހޭގޮތުން ކަމާބެހޭ ވަޒީރުންނާ ބައްދަލުކޮށް އައްޑޫސިޓީ ކައުންސިލުން ވަނީ މަޝްވަރާ ކޮށްފައެވެ.

އައްޑޫސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ އާބާދީ ބޮޑު ސަރަހައްދެވެ.