ޚަބަރު

އައްޑޫސިޓީ ކައުންސިލުން ހައުސިން މިނިސްޓަރާ ބައްދަލުކޮށްފި


އައްޑޫސިޓީން ބިން ދޫކުރުމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރުއާއި އައްޑޫސިޓީ ކައުންސިލުން މަޝްވާރާ ކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވިގެން ދިޔަ ބައްދަލުވުމުގައި، އައްޑޫސިޓީން ގޯތި ދޫކުރުމަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ވަނީ މަޝްވާރާ ކޮށްފައެވެ. އެގޮތުން ގޯތި ދޫކުރުމަށް ކުރީ ސަރުކާރުން ކޮށްފައިވާ އިޢުލާނާ ގުޅިގެން ދިމާވެފައިވާ މައްސަލަތަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި އެހެންމެ ދޫކުރެވި ބޭނުން ނުކޮށް ގިނަ އަހަރު ތަކެއްވެފައިވާ ބިންތަށް ހުރުމުން ތަރައްޤީއަށް ހުރަސް އެޅެމުންދާ މައްސަލަވެސް ވެސް ކައުންސިލުން ވަނީ މިނިސްޓަރ އާތިފާއާ ޙިއްސާ ކޮށްފައެވެ.

މީގެ އިތުރުން އައްޑޫސިޓީގެ އާބަން ޑިވެލޮޕްމެންޓް ޕްލޭނެއް ތައްޔާރު ކުރުމާއި ލޭންޑް ޔޫސް ޕްލޭން، މިނިސްޓްރީގެ އެހީތެރި ކަމާއި އެކު ރިވިއުކުރުމަށްވެސް ވަނީ މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި އައްޑޫސިޓީ ގައި ތަރައްޤީ ކޮށްފައިވާ ޕްލެޓްތައް ދޫކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން ދަނީ ސަރުކާރުގެ އެކި ވަޒީރުންނާއި ބައްދަލު ކޮށް އައްޑޫސިޓީ އަށް ދިމާވެފައިވާ ކަންކަން ހައްލުކޮށް އަދި އައްޑޫގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.