ހުއްދަ ނުހޯދައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއްކަމަށް ބެލެވޭ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުންދާތީ އެމައްސަލަ ތަހްޤީޤްކުރަމުންދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
ޑީޖޭއޭއިން ބުނީ ޝަރުޢީ އެއްވެސް ކޯޓެއްގެ ހުއްދައަކާ ނުލައި ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދުގެ ދަށުން ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެއްކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ޖުޑީޝަރީން ބުނެއެވެ.
ޖުޑީޝަރީން ނެރުނު ބަޔާނުގައި ކޯޓުތަކުގެ ހައިބަތާއި ކަރާމަތާއި ޤަދަރަށް އުނިކަން އަތުވެދާ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.