ލުބުނާނުގެ ޙިޒްބުاللهއިން ޔަހޫދީންގެ އަސްކަރީ މަޤާމުތަކަށް ރެކޯޑު ޢަދަދަކަށް ރޮކެޓާއި މިސައިލް އަދި ޑްރޯންތައް ޙަމަލާތައް ދީފިއެވެ.
ޙިޒްބުاللهއިން ވަނީ 90 މިނެޓުގެ ތެރޭގައި ޔަހޫދީންނަށް 100 ރޮކެޓު ޙަމަލާ
ދީފައެވެ. ލުބުނާނުގެ ނޫސްތަކުން ބުނީ ދެކުނު ލުބުނާނުގެ ބައެއް އަވަށްތަކުގައި ޙިޒްބުاللهގެ މުޖާހިދުން ޔަހޫދީ ސިފައިންނާ ސީދާ ކުރިމަތިލާފައިވާ ކަމަށެވެ. އެ ކުރިމަރިލުންތަކުގައި ޔަހޫދީންގެ ރިކަވަރީ ޔުނިޓުތަކާއި އަސްކަރީ ޓޭންކަރުތަކާއި ބުލްޑޯޒަރުތަކަށް ގެއްލުން ދީފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި ބައެއް އަވަށްތަކުގައި ޤާއިމްކޮށްފައިވާ ޔަހޫދީންގެ އަސްކަރީ މަރުކަޒުތަކާއި މަޤާމުތަކާއި ކޭމްޕުތަކަށް ވަރުގަދަ ޑްރޯން ޙަމަލާތައް ދީފައިވެއެވެ. އޭގެ އިތުރުން ޙިޒްބުاللهގެ މިސައިލްތަކުގެ ސަބަބުން ޔަހޫދީންގެ އަސްކަރީ ޖެޓެއް ފަހަތަށް ޖެހުމަށް ވެސް މަޖުބޫރުކޮށްފައިވެއެވެ. އަދި ހެލިކޮޕްޓަރަކަށް ވެސް ކާމިޔާބުކަމާއެކު ޙަމަލާ ދީފައިވެއެވެ.
ޙިޒްބުاللهއިން ވަނީ ތެލް އަވީވުގައި ހުންނަ ޔަހޫދީންގެ ހަނގުރާމައާ ބެހޭ ވުޒާރާގެ އޮފީހަށް އަމާޒުކޮށް ވަރުގަދަ ޕްރެސިޝަން މިސައިލް ޙަަމަލާތަކެއް ވެސް ދީފައެވެ. އަދި އެ ސަހަރުގައި ހުންނަ ޔަހޫދީންގެ “ޑޮލްފިން” ޖާސޫސީ މަރުކަޒަށް ވެސް ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާތަކުގައި ލިބިފައިވާ ގެއްލުމުގެ ތަފްޞީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ފާއިތުވި ދުވަސްތަކުގައި ޙިޒްބުاللهގެ މުޖާހިދުން ދަނީ ގަޑިއަކު ދެ ޙަމަލާހެން ޔަހޫދީންނާ ދެކޮޅަށް އަމާޒުކުރަމުންނެވެ.