ޚަބަރު

ކޮންވެޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫޢު ހުއްޓުވާކަށް ނުފެނޭ - ރައީސް ނަޝީދު


އައްޑޫސިޓީގައި އަޅާފައިވާ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް މިހާރު އޮތް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއު ހުއްޓުވަން ނުފެންނަކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އައްޑޫސިޓީއަށް މިއަދު އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެސިޓީގެ ފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ހޮސްޕިޓަލު ނޫން އެހެންކަމަކަށް ކޮންވެންޝަން ސެންޓަރު ހަދަން އެމަނިކުފާނަށް ފެނިވަޑައިނުގަންވާކަމަށާ އައްޑޫސިޓީއަށް ކޮންވެޝަން ސެންޓަރެއް އިތުރަށް ބޭނުންވާނަމަ އާސެންޓަރެއް ޢިމާރާތްކުރަންވީކަމަށާ، މިހާރުހުރި ކޮންވެންޝަން ސެންޓަރު ހޮސްޕޮޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް އެމަނިކުފާނު ތާޢީދުކުރައްވާކަމަށެވެ.

"ދެނެއް އެކޮންވެޝަން ސެންޓަރު ހޮސްޕިޓަލެއް ނޫންތަނަކަށް ހަދަން އުޅޭކަށެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ފެންނަނީ ހަމަ މިހާރު އެއޮތް މަޝްރޫއު ބާރަށް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެންވެސް މަސައްކަތް ކުރުން. އަލުން އަންބުރާ މިހާރުކުރި ޚަރަދު އުކާލާ ބޭކާރު ކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެކަކަށް ވެސް އޭގެއިން ފައިދާވާނެ ކަމެއް ނޫން. ކޮންވެޝަން ސެންޓަރެއް އަޅުގަނޑުމެން އަލުން ބޭނުމީއްޔާ އާ ސެންޓަރެއް އަޅުގަނޑުމެން އަޅާނީ."

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި 2011ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކު ސަމިޓަށް ޢިމާރާތްކުރި ކޮންވެޝަން ސެންޓަރު، އެންމެ އެދެވޭ ގޮތެއްގައި ބޭނުން ނުކުރެވޭ ކަމަށް ބުނެ ރައީސް ޔަމީންގެ ސަރުކާރުން ވަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް އެތަން ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ. ފޭދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ނަޝީދުވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އާސަރުކާރުގައި އައްޑޫސިޓީގެ ތަރައްގީގެ ތަޞައްވަރެއް އެބަ އޮތްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"އައްޑޫސިޓީގެ ތަރައްގީގެ ތަޞައްވަރެއް އަޅުގަނޑުމެންގެ އެބައޮތް. އެ ތަޞައްވަރުގެ ފިޔަވަޅުތަށް ހަލުވި ކަމާއެކު އަޅަމުންދާނެ އައްޑޫސިޓީ ކައުންސިލުން. އައްޑޫގައި ތަރައްގީގެ ބޭންކެއް އެބަ ބޭނުންވޭ އިރާދަ ކުރެއްވީޔާ ކުރިއަށް އޮތް ސަރުކާރުގައި އެބޭންކު އަންނާނޭ "

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އައްޑޫސިޓީއަށް ވަޑައިގަތުމުން އެސިޓީގެ އެތަށް ސަތަކޭ ބަޔަކުވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އައްޑޫ ސިޓީގެ އެކި އަވައްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.