ޚަބަރު

އައްޑޫސިޓީގެ ރަށްތަކުން ފެންހިއްކުމުގެ މަސައްކަތް އަދިވެސް ކުރިއަށް


އައްޑޫސިޓީ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް މުއައްސަސާތަކުން ބުނެފިއެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ކަމަށް އެފަރާތުން ބުނެއެވެ. މީގެ އިތުރުން ހައުސިންގ މިނިސްޓްރީ، އެމްއެންއެފް އަދި ފުލުހުުން ވެސް ދަނީ ފެން ވަދެފައިވާ ގެތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރަށް ފެން ވަދެދާނެ ކަމަށް ވެލި ބަސްތާތަށްވެސް ދަނީ ޖަހަމުންނެވެ.

އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދޫ، މަރަދޫ އަދި މީދޫގެ ބައެއް ގެތަކަށް ފެންވަދެ ހިފައި ގެންގުޅޭތަކެއްޗަށާއި ފަރުނީޗަރަށް ގެއްލުން ވަނީ ވެފައެވެ. މީގެ އިތުރުން އައްޑޫސިޓީގެ ހުރިހާ ރަށެއްގެ މަގުތަކުގައި ފެން ބޮޑުވެ ހިނގާ ބިނގާވެ އުޅުމަށް ވަނީ ދަތިވެފައެވެ.

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހި ވަނީ ހުރިހާ ރަށެއްގައިހެން ފެން ބޮޑުވެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އިއްޔެ ހެނދުނު 8 އިން ފެށިގެން މިއަދު ހެނދުނު 8 އާއި ހަމަޔަށް އައްޑޫސިޓީ ގަމަށް 114.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް، ޚާއްޞަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެނޭނެކަމަށެވެ.