ޚަބަރު

އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ހެދުމަށް ނިންމައިފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ޤާނޫނާ ޚިލާފަށް ޚަރަދުތަކެއްކޮށްފައިވާކަމަށް ބުނެ، އެކުންފުނީގެ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނިންމަވައިފިއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން ބުނީ އެޗް.ޑީ.ސީގެ ޚާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޤަވާއިދާ ޚިލާފަށް އެޗްޑީސީން ޚަރަދުތަކެއްކޮށްފައިވާ މައްސަލައެއް ހުށަހެޅުމުންކަމަށެވެ. އެގޮތުން އެޗްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އޮޑިޓް އޮފީހަށާއި އޭސީސީ އަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން ބުނީ އެޗް.ޑީ.ސީގެ ޚާއްސަ އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އޮޑިޓް ތައްޔާރުކުރުމަށްޓަކައި ޚާއްސަ ޓީމް ހަމަޖެއްސުމާއި ޕްލޭންތައް ހެދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އެޗް.ޑީ.ސީގެ ޚާއްސަ އޮޑިޓެއް ކުރުމަށް ނިންމާފައިވާއިރު، މިކަމާ ގުޅޭގޮތުން އެޗް.ޑީ.ސީން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.