ޚަބަރު

ހައުސިންގ މިނިސްޓްރީގެ ނަމުގައި ފައިސާ ހޯދަން ގުޅާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހައުސިންގ މިނިސްޓްރީގެ ނަމުގައި ފައިސާ ހޯދަން ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް ހައުސިންގ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ފްލެޓް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ނުލައި ފްލެޓަށް ފައިސާ ދެއްކުމުގެ އެއްވެސް މުޢާމަލާތެއް ހައުސިންގ މިނިސްޓްރީން ކުރިއަށް ނުގެންދާނޭކަމަށެވެ. ނަމަވެސް ފްލެޓަށް ފައިސާ ހޯދުމަށްކަމަށް ބުނެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ބަޔަކު ގުޅަމުންދާކަމުގެ ޝަކުވާ ލިބިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި މިއީ އޮޅުވާލައިގެން ޢާއްމު ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށް ބަޔަކު ކުރަމުންދާ ކަމެއްކަމަށާއި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ފްލެޓަށް ފައިސާ ނަގާނަމަ، އެކަން ކުރާނީ މިނިސްޓްރީއާއި ފްލެޓް ލިބުނު ފަރާތާއިދެމެދު ރަސްމީކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުކަމަށެވެ. އަދި މިވަގުތު ފައިސާ ބަލައިގަތުމުގެ އެއްވެސް މަސައްކަތެއް ކުރުމަށް ނިންމާފައި ނުވާކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ 7000 ފްލެޓަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިންގ މިނިސްޓްރީން އިޢުލާންކުރަން ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކުގެ ކެޓަގަރީއާއި، މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގައި ހިމެނޭ މީހުންނާއި، ޓީޗަރުންނާއި ނަރުހުންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ލިސްޓް ވަނީ އިޢުލާންކޮށްފައެވެ.