ޚަބަރު

ބީ.އާރު.އެން.އޭގެ ދާއިމީ މެންބަރަކަށް ޕީއެސްއެމް ހޮވިއްޖެ


ބެލްޓް އެންޑް ރޯޑް ނިއުސް އެލަޔަންސް، (ބީއާރުއެންއޭ)ގެ ދާއިމީ މެންބަރަކަށް ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް ހޮވިއްޖެއެވެ. މީގެއިތުރުން ބީއާރުއޭއެންގެ އެޑިޓޯރިއަލް ކޮމިޓީގެ މެންބަރުކަމަށް ޕީއެސްއެމްނިއުސްގެ ނިއުސް ހެޑް ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒް ފަޔާޒު ޔޫސުފް ވަނީ އިންތިޚާބުވެފައެވެ.

ބީއާރުއެންއޭއަކީ 72 ޤައުމު ހިމެނޭހެން ވީޑިއޯއާއި ޚަބަރާއި މަޢުލޫމާތު ޙިއްސާކުރާ ޕްލެޓްފޯމެކެވެ. ބީއާރުއެންއޭގެ މެންބަރަކަށްވުމުން ޕީއެސްއެމްއަށް މިއެލަޔަންސް މެދުވެރިކޮށް ދުނިޔޭ ފެންވަރުގައި ހިނގާ ކަންތަކުގެ މައުލޫމާތާއި ޚަބަރާއި ވީޑިއޯ ލިބުމަށް މަގުފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ ޚަބަރާއި މަޢުލޫމާތާއި ވީޑިއޯ ބީއާރުއެންއޭގެ މެންބަރުންނާ ޙިއްސާކުރުމަށް ފުރުސަތު ލިބޭނެއެވެ.

ބީއާރުއެންއޭގެ މެންބަރުކަމާއި އެޑިޓޯރިއަލް ކޮމިޓީއަށް ޕީއެސްއެމް ހޮވިފައިވަނީ ޗައިނާގެ ޗޮންޗިންގައި އޮކްޓޫބަރު ސޯޅައިން ސަތާރައަށް ކުރިޔަށްދިޔަ "ސީޖީޓީއެން ގްލޯބަލް މީޑިއާ ސަމިޓު"ގެ ތެރެއިން ބޭއްވި ސީސީޓީވީ ވީޑިއޯ މީޑިއާ ފޯރަމް އަދި ބީއާރުއެންއޭގެ ދެވަނަ ޢާންމު މަޖުލީހުގެ ބައްދަލްވުމުގެ ތެރެއިންނެވެ. މިބައްދަލްވުމުގައި ދުނިޔޭގެ 500އަށްވުރެ ގިނަ މީޑިއާއިން ބައިވެރިވެފައިވެއެވެ.

ބީއާރުއެންއޭގެ 10 މެންބަރުން ހިމެނޭ އެޑިޓޯރިއަލް ކޮމިޓީއަށް ޕީއެސްއެމްނިއުސްގެ ޑިރެކްޓަރ އޮފް ނިއުސް އެންޑް ކަރަންޓްއެފެއާޒް ފަޔާޒު ޔޫސުފު ހޮވިވަޑައިގަތީ 52 ފަރާތާ ވާދަކޮށްގެން ހަތަރުވަނައަށް އެންމެ ގިނަ ވޯޓާއެކުއެވެ. މިކޮމިޓީއަކީ ކުރިޔަށް އޮތް ދެއަހަރަށް ބީއާރުއެންއޭގެ މެންބަރު ޤައުމުތަކުގެ މެދުގައި ކުރާ މަސައްކަތްތައް އެކުލަވާލައި ސިޔާސަތުތައް ކަޑައެޅުމާ، އެޑިޓޯރިއަލް ނިންމުންތައް ނިންމާ ކޮމިޓީއެކެވެ. މިކޮމިޓީން މިއަންނަ އަހަރު އަލަށް ތަޢާރަފްކުރަންއުޅޭ ބެލްޓް އެންޑް ރޯޑް އެވޯޑްސްގެ ކަންކަން އިންތިޒަމްކުރުމުގައި ހަރަކާތެރިވާނެއެވެ.