ޚަބަރު

ފުލުހެއް ގައިގައި ސައިކަލުން ޖެއްސި މީހުން ޑްރަގަށް ޕޮޒިޓިވް


  • ބަންދަށް 5 ދުވަސް ޖެހީ ވަކީލަކު ހަމަޖައްސަށް އެދުމުން

  • ފުލުހުން ވިދާޅުވީ އެމީހުން ބާރަށް ދުއްވީ ގަސްތުގައި ފުލުސްމީހާއަށް އަނިޔާ ދިނުމަށްކަމަށް

ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރި 4 މީހުން މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޯޓުން ވަނީ އެމިހުންގެ މައްޗަށް 5 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.

ކޯޓުން ވިދާޅުވީ އެމީހުންގެ މައްޗަށް ކުރު މުއްދަތެއް ދީފައިވަނީ، ވަކީލަކު ހަމަޖެއްސުމަށް ފުރުޞަތަށް އެދިފަވާތީކަމަށެވެ.

ޖުމްލަ 4 މީހުން މި މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. އެއީ ފުލުސް މީހާ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެ މީހުންނާއި، އެކަމާއި ގުޅުން އޮތް އިތުރު 2 މީހުންނެވެ.

ހައްޔަރުކޮށްފައިވާ މީހުން:

އަޙުމަދު މާއިޝް މުޙައްމަދު މާހިރު، ފެނީވާ/ސ.ހިތަދޫ، 21 އަހަރު
އަނޫފް ބިން މުޙައްމަދު، ހ.ފިލްމީސައިޓް/ ކ.މާލެ، 21 އަހަރު
ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް، އުއްދަނޑިމާގެ / ހދ.ކުޅުދުއްފުށި، 20 އަހަރު
އަޙްމަދު ސިނާޒް، މަލަ/ކ.ގާފަރު، 30 އަހަރު

މި މީހުންގެ ތެރެއިން ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤަކީ، އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ. އަދި އަޙްމަދު ސިނާޒަކީ، އެ ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ.

ފުލުހުންގެ ބަޔާނާއި ސީސީޓީވީ ފޫޓޭޖާއި އަނިޔާވި ފުލުސް މީހާއަށް ލިބިފައިވާ ފޮޓޯ ރިޕޯޓަށް ބަލާއިރު، ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ބަންދު އަމުރުގައިވެއެވެ.

ވަގުތީ ނަތީޖާއިން ފެނުނުގޮތުގައި މި އެންމެންވެސް މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައިވާކަމަށް ކޯޓުގެ ބަޔާނުގައިވެއެވެ.

ހާދިސާގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލު، ހައިވޭގައި ޖަހާފައިވާ، ވީސީޕީގެ ބެރިކޭޑުގައި ޖެހި އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހި ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި އޮފިސަރަކީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ.

މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.