ޚަބަރު

އދގެ ފުރިހަމަ މެމްބަރަކަށް ލިބޭ ގިނަ އިނާޔަތްތައް ފަލަސްތީނަށް ދޭން ފާސްކުރި ޤަރާރަށް ރާއްޖެއިން ތާޢީދުކޮށްފި


2019ވަނަ އަހަރު ފަލަސްތީނަށް އދގައި ދާއިމީ މެންބަރެކޭ އެއްފަދަ ހައްޤުތަކާ، ޒިންމާތައް ކަށަވަރުކުރުމުގެ ހުއްދަދިނުމަށް އދ.އިން ނިންމި ޤަރާރަށް ރާއްޖެއިން ތާއީދުކޮށްފިއެވެ.

ފަލަސްތީނަށް އދގެ އާންމު މެންބަރެކޭ އެއްފަދަ ހައްޤުތަކާ، ޒިންމާތައް ދިނުމަށް އދގެ އާންމު މަޖުލީހުން ނިންމި ޤަރާރު ފާސްކޮށްފައިވަނީ އދގެ ގްރޫޕް އޮފް ސެވަންޓީ ސެވަން ނުވަތަ ތަރައްޤީވަމުންދާ ޤައުމުތަކުގެ އިއްތިހާދުގެ ޗެއަރކަން މިއަންނަ އަހަރު ކުރުމަށް ފަލަސްތީނު ހޮވިފައިވަނިކޮށެވެ.

އާންމު މަޖުލީހުގައި ބޭއްވި ވޯޓުގައި ފަލަސްތީނަށް އާންމު މެންބަރެއްގެ ހައްޤުތަކާ، ޒިންމާތައް ދިނުމަށް 146 މެންބަރުން ވޯޓުދީފައިވާއިރު، 15 މެންބަރުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އަދި އެމެރިކާއާއި، އޮސްޓްރޭލިއާ އާއި އިސްރާއީލުން ވޯޓުދީފައިވަނީ މިޤަރާރާ ދެކޮޅަށެވެ.

މިސްރުން ހުށަހެޅި މި ޤަރާރުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ފަލަސްޠީނަށް، އދގެ ޢާއްމު މަޖިލީހުގައި ހިމެނޭ ކުރިއަރަމުން އަންނަ 77 ޤައުމު ތަމްސީލުކުރުމުގެ ދައުރު އަދާކުރެވޭނެ ކަމަށާއި، މިއާއެކު އާއްމު މަޖިލީހުގެ ބައްދަލުވުންތަކުގައި ވާހަކަ ދެއްކޭނެ ކަމަށެވެ. އަދި ފަލަސްޠީނަށް ކަންކަމުގައި ބަޔާންތައް ނެރުމާއި، މުޢާހަދާތައް އެކުލަވާލާ ހުށަހެޅުމުގެ މިނިވަންކަން ވެސް ލިބިގެންދާނެ ކަމަށް މިސްރުގެ ޤަރާރުގައި ބުނެފައިވެއެވެ.

މި ޤަރާރު ފާސްކުރުމަށް ރާއްޖެއިން ތާޢީދުކޮށްފައިވާއިރު، ރާއްޖެއިން ދަނީ ފަލަސްތީނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ވަކާލާތު ކުރަމުންނެވެ. އެގޮތުން ފަލަސްޠީނަށް މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ދިނުމަށް ފެށުނީއްސުރެ ރާއްޖެއިން ދަނީ ވަކާލާތު ކުރަމުންނެވެ.

އދގެ ގްރޫޕް އޮފް ސެވަންޓީ ސެވަންއަކީ ތަރައްޤީވަމުންދާ ޤައުމުތަކުގެ ހައްޤުތައް ކަށަވަރުކޮށް، އދގައި އެޤައުމުތަކުގެ އިޤްތިޞާދީ ކަންކަން ކުރިއެރުވުމަށްޓަކާ ޤާއިމްކޮށްފައިވާ ގްރޫޕެކެވެ.

ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި އދއިން ބަލައިގެންފައިވީ 2012 ވަނަ އަހަރު ނެގުނު ވޯޓެއްގައެވެ. ނަމަވެސް ފަލަސްތީނަކީ އދގެ ފުރިހަމަ މެމްބަރު ޤައުމެއްނޫނެވެ. ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ނުލިބިވަނީ ސަލަމާތީ މަޖިލީހުގައި މިކަމާދެކޮޅަށް ވީޓޯ ކުރުމުގެ ބާރު އެމެރިކާއަށް އޮތުމުގެ ސަބަބުންނެވެ.

1967 ވަނަ އަހަރު މެދުއިރުމަތީގެ ހަޤުރާމައިގައި އިސްރާއީލުން ނުހައްޤުން ވެރިވެގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުގެ ހަ ސަތޭކަ ހާސް މީހުން ދިރިއުޅެމުންދާއިރު މި ސަރަހައްދަކީ ފަލަސްޠީނުގެ މިނިވަން ދައުލަތް އުފެއްދުމަށް މަސައްކަތްކުރާ ސަރަހައްދެވެ.

އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަޑައެޅުމަށް ފަލަސްތީނުންދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ. އިސްރާއީލުން ނުހައްޤުން ވެރިވެގެންފައިވާ ފަލަސްޠީނުގެ ބިންތަކުގެ މައްސަލައަކީ ބައިނަލްއަޤްވާމީ މުޖުތަމަޢިން އެކަމަށް ބޮޑެތި ފާޑުކިއުންތައް ރައްދުކުރަމުންދާ މައްސަލައެކެވެ.