ލައިފް ސްޓައިލް

އެލްމިނިއަމްގެ ޑިއުޓީ ބޮޑުކުރުމުން ކޯކުދަޅު އަގުބޮޑުވެއްޖެ


އެމެރިކާގައި އުފައްދާ ކޮކާކޯލާ ދަޅާއި ބައެއް އެހެނިހެން ބުއިންތަކުގެ އަގު ބޮޑުކުރުމަށް ކޮކާކޯލާ ކުންފުނިން ނިންމައިފިއެވެ.
ކޮކާކޯލާ ކުންފުނީގެ ސީއީއޯ ޖޭމްސް ކުއިންސީ ވިދާޅުވީ އެމެރިކާގައި ވިއްކާ ކޯކު ދަޅުގެ އަގުބޮޑުކުރަން ޖެހުނީ، ދަޅު އުފެއްދުމަށް ބޭނުންވާ އެލުމިނިއަމުން ނަގާ ޑިއުޓީ އެމެރިކާ ސަރުކާރުން ބޮޑުކުރުމުންކަމަށެވެ. އެހެންކަމުން އެލުމިނިއަމް ގަންނަން ކުރަންޖެހިފައިވާ ހޭދަ ބޮޑުވުމުން، ކޯކު ދަޅުގެ އަގުބޮޑުކުރަން މަޖުބޫރުކަމަށް އެކުންފުނީގެ ސީއީއޯ ވިދާޅުވިއެވެ. ކޯކު ދަޅުގެ އިތުރުން، ކޮކާކޯލާ ކުންފުނިން ދަޅުގައި ބަންދުކޮށްގެން ނެރޭ އެހެނިހެން ބުއިންތަކުގެ އަގުވެސް އެމެރިކާގައި ބޮޑުވެގެންދާނޭކަމަށް އެކުންފުނިން ބުނެއެވެ.
ކޮކާކޯލާ ކުންފުނީގެ އިތުރުން، ދަޅުގައި ބަންދުކޮށްގެން ކާނާއާއި އެހެނިހެން ބުއިންތައް ބާޒާރަށް ނެރޭ އެހެން ކުންފުނިތަކުންވެސް ވަނީ އަގުތައް އުފުލޭނެކަން ހާމަކޮށްފައެވެ.
އެމެރިކާ ސަރުކާރުން ވަނީ އީޔޫގެ ޤައުމުތަކާއި މެކްސިކޯ އަދި ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ އެލުމިނިއަމުން ނަގާ ޓެރިފް 10 ޕަސަންޓް ބޮޑުކޮށްފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.