ޚަބަރު

އައްޑޫސިޓީގައި ސްކައިޑައިވިން ހަރަކާތެއް ބާއްވާނީ


ޤަތަރުގެ ސްކައި ޑައިވިންގް ޓީމަކުން އިންތިޒާމު ކޮއްގެން، އައްޑޫ ސިޓީގައި 'ސްކައި ޑައިވިން' ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
"އެސް.ޑީ.ކިއު ޕެރެޑައިސް ބޫގީ" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް އިންތިޒާމު ކުރަނީ 'ސްކައި ޑައިވް ޤަތަރު' އާއި 'ސްކައި ގައިސް މޯލްޑިވްސް' ގުޅިގެންނެވެ. މި ކަމާއި ގުޅޭ ގޮތުން ސްކައި ޑައިވް ޤަތަރުގެ ވެބްސައިޓުގައި ބުނެފައިވަނީ، މި ހަރަކާތަކީ އާންމުންނަށާއި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ސްކައިޑައިވް ކުރާ ފަރާތްތަކަށް ހުޅުވައިލައިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.
ޖުލައި މަހުގެ 10 އިން 30 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ގަން އަދި ޝަންގްރިއްލާ ރިސޯޓުގެ ގޮނޑުދޮށަށް ސްކައި ޑައިވް ކުރަން ހަމަޖެހިފައިވާ ކަމަށް އެފަރާތުން ބުނެއެވެ. އަދި މި ހަރަކާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެފަރާތުން ބުނެއެވެ.
'ސްކައި ޑައިވް ޤަތަރު' ވެބްސައިޓުގައި ހަރަކާތުގައި ބައިވެރިވެ، އެމީހުންނާއި އެކު ސްކައިޑައިވް ކުރެވޭނެ އަގުތަށް ވެސް ވަނީ ހިމަނާފައެވެ. މި ހަރަކާތުގައި ސްކައިޑައިވް ކުރުމަށް ބޭނުންވާ ސާމާން ކުއްޔަށް ދޫކުރާނެއެވެ. އަދި ޕްރޮފެޝަނަލް ސްކައިޑައިވަރުންނާއި އެކު ފުންމާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.