ޚަބަރު

އައްޑޫސިޓީން ޑެންގީ 27 ކޭސް މިހާތަނަށް ފެނިފައިވޭ - ދަމަނަވެށި


މިދިޔަ އެޕްރީލް މަހުން ފެށިގެން މިހާތަނަށް އައްޑޫސިޓީން ޑެންގީގެ 27 ކޭސް ރިކޯޑް ކުރެވިފައިވާ ކަމަށް އައްޑޫސިޓީ ދަމަނަވެށިން ބުނެފިއެވެ.

ދަމަނަވެށިން މިހެން ބުނެފައިވަނީ ފަހަކަށް އައިސް ރާއްޖޭގެ އެކިސަރަހައްދުތަކުން ޑެންގީ ފެންނަ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ދަމަނަވެށިން ބުނެފައިވަނީ ޑެންގީ ކޭސްތަށް އައްޑޫސިޓީއިން ފާހަގަވާން ފެށީ މިދިޔަ މަހު ދިހަ ބިދޭސީއެއްގެ ގައިން މި ބަލި އެއްފަހަރާ ފެނުނު ހިސާބުން ކަމަށެވެ. ނަމަވެސް އޭގެފަހުން ބިދޭސީއެއްގެ ކޭސް ފާހަގަ ނުވިނަމަވެސް މިބަލި ހުރި ދިވެހިން ފަރުވާހޯދުމަށް އަންނަމުންދާ ކަން އެފަރާތުން ފާހަގަކުރެއެވެ.

މުޅި އައްޑޫސިޓީ އަށް ބަލާއިރު މައިގަނޑު ގޮތެއްގައި މިބަލި ފެނިފައިވަނީ ހިތަދޫއިންނެވެ. ދަމަނަވެށިން ބުނިގޮތުގައި ޑެންގީ ކޭސްތަށް ފެންނަން ފެށުމާއި އެކު އެފަރާތުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ވަނީ ފަށާފައެވެ. އެގޮތުން އައްޑޫ ހައުސިންގް ޑިޕާޓްމެންޓާ ގުޅިގެން މިދިޔަ އެޕްރީލް މަހު ވަނީ ފޮގް ކުރުމުގެ ބުރެއް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން މިހާރު ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމްތަށް ވެސް ފަށާފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

މިދުވަސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ޑެންގީ، އަރިދަފުސް ރޯގާ އަދި ވައިރަލް ފީވާ ފެންނަ މިންވަރު އިތުރު ވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.