ޚަބަރު

ރާއްޖޭގެ ދާޚިލީ ކަންކަމާ ނުބެހުމަށް ޗައިނާއިން ގޮވާލައިފި


ރާއްޖޭގެ ދާޚިލީ މަސްރަހުގައި ހިނގާ ކަންކަމާ ބޭރުގެ ފަރާތްތަކުން ނުބެހުމަށް ޗައިނާއިން ގޮވާލައިފިއެވެ. 

ޗައިނާގެ ފޮރިންމިނިސްޓްރީގެ ސްޕޯކްސްމަން، ގެން ޝުއަންގް ބައިނަލްއަޤްވާމީ މީޑިއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްކަމަށާއި، ރާއްޖޭގެ ދާޚިލީކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދިއުމުގެ ޤާބިލުކަން ރާއްޖޭގެ ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި ރާއްޖޭގެ ރައްޔިތުންގެ  ކިބައިގައި ވާކަމަށް ޗައިނާއިން ޤަބޫލުކުރާކަމަށެވެ. 

ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު އެކި ޤައުމުތަކުގެ މިޑިއާތަކާއި ބައެއް ސިޔާސީ ބޭފުޅުން އެކިކަހަލަ ވާހަކަތައް ދައްކަމުންދާއިރު، ޗައިނާއިން ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ ކަންކަން މަޝްވަރާކޮށްގެން ޙައްލުކޮށް ޤައުމުގެ ސިޔާދަތާއި މަސަލަސްކަން އިސްކުރުމަށް އެދޭކަމަށެވެ. އަދި ރާއްޖޭގެ އަމިއްލަ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ޤާބިލުކަން ދިވެހިސަރުކާރާއި ރައްޔިތުންގެ ކިބައި ހުރިހަމަށް ޗައިނާއިން ޤަބޫލުރާކަމަށް މީގެކުރިންވެސް އެޤައުމުންވަނީ ބުނެފައެވެ.

ޗައިނާއިން މިގޮތަށް ބުނެފައި މިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެތެރެއަށް ވަނުމަށް ބައެއް ބޭރުޤައުމުތަކުގެ ސިފައިން ރާއްޖެއަށް އަރައިގަތުމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ދަޢުވަތު ދީފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއާއެކު ބޭރުގެ ބައެއް ނޫސްމަޖައްލާތަކުން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒުފޯރުވާ މޭރުމަކުން ޚަބަރުފަތުރާފައިވާ ދަނޑިވަޅެއްގައިކަންވެސް ފާހަގަކުރެވެއެވެ.