ކުޅިވަރު

ގަދަ ހަތަރަކަށް އަމާޒުކޮށް، ޔޫވީން ޕްރެކްޓިސް ފަށައިފި


ގަދަ ހަތަރަކަށް އަމާޒުކޮށް، ޔުނައިޓެޑް ވިކްޓްރީ އާސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފަށައިފިއެވެ. 

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީން ޕްރެކްޓިސް ފެށީ އެޓީމުގައި ތިބި ދިވެހި ކުޅުންތެރިންނާއެކުއެވެ. ޓީމްގެ އެސިސްޓެންޓް ކޯޗު މުހަންމަދު މައުމޫން (މާނު) ބުނީ ޔޫވީ މިއަހަރުގެ ސީޒަނަށް ނުކުންނަނީ 2016 ވަނަ އަހަރުގެ ސީޒަންގައި އެޓީމުން ގަދަހަތެރެއްގެ ޖާގަ ޔަޤީންކުރިއިރު އޮތްވަރުގެ ސްކޮޑަކާއެކު ކަމަށެވެ. އެޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޓީމު އޮތީ މިދިޔަ އަހަރަށްވުރެ ވަރުގަދަކޮށް ކަމަށް މިދިޔަ ދެ ސީޒަންގައިވެސް ޔޫވީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުން މަސައްކަތްކުރި މާނު ބުންޏެވެ. ޔޫވީން ބުނީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ކުލަބުގެ އަމާޒަކީ ގަދަ ހަތެރެއްކަމަށާއި، އަންނަމަހު ފަށާ މާލޭލީގުގެވެސް އަމާޒަކީ ގަދަހަތެރެއްގެ ތެރޭގައި ހިމެނުނުންކަމަށެވެ. މާނު ބުނީ ޓީމާ އަލަށް ގުޅޭ ބިދޭސީ ކުޅުންތެރިން އެއީ ވަރަށް ބޮޑު ސަޕްރައިޒެއްކަމަށާއި، އެހެންކަމުން މިވަގުތު އެކުޅުންތެރިންގެ މައުލޫމާތު ދެވެން ނެތްކަމަށެވެ. އަދި އެކުޅުންތެރިންނާއެކު ޓީމް އިތުރަށް ވަރުގަދަވެގެންދާނެކަމަށް މާނު ބުންޏެވެ.

" ޔޫވީގެ އަމާޒަކީ ގަދަ ހަތަރަކުން ފުރުސަތު ހޯދުން. އެޓާގެޓަށް އަމާޒުހިފާ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު މިހާރު މިއޮތީ ދެހާސް ސޯޅަވަނަ އަހަރު ޔޫވީގައި އޮތްވަރު ވަރުގަދަ ސްކޮޑެއް" ޔޫވީގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.

ބިދޭސީ ހަތަރު ކުޅުންތެރިން ގެންނަން އެކްލަބުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ނިއުއާއި ޓީސީގެ އިތުރުން ޔުނައިޓެޑް ވިކްޓްރީއަށްވެސް ކުރިން ކުޅުނު ބްރެޒިލްގެ ފޯވާޑް ރަފީނިއާއެވެ. މީގެއިތުރުން ދެން އެޓީމާ ގުޅޭނެކަމަށް މައުލޫމާތު ލިބެނީ ކިރްގިސްތާންގެ ޑިފެންޑަރަކާއި، ޓްރްނިޑާޑް އެންޑް ޓޮބޭގޯގެ ފޯވާޑެކެވެ. އެޓީމުން ވަނީ ޓީމް ވަރަގަދަކުރުމައްޓަކައި ޓީމްގައި ތިބި މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އާކޮށް، އާ ކުޅުންތެރިން ޓީމަށް ގެނެސްފައެވެ. ޓީމުގެ ކޯޗަކީ މިދިޔަ ސީޒަންގައި މުޙައްމަދު އާތިފް އިސްތިއުފާ ދިނުމުން ޓީމާ ހަވާލުވި މުހަންމަދު ނަޒީހުއެވެ. ޔޫވީން މިއަހަރު ޕްރެކްޓިސް ފެށީ ކޯޗު ނަޒީހުއާއެކުއެވެ. ނަމަވެސް އޭނާ އޭއެފްސީ އޭލައިސަންސް ކޯޗިންގ ކޯސް ފުރިހަމަކުރަމުންދާތީ މިވަގުތު ޕްރެކްޓިސް ކުރިއަށްގެންދަނީ އެސްޓެންޓް ކޯޗެވެ.

ޔުނައިޓެޑް ވިކްޓްރީން ވަނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުރަތަމަ އަހަރު ބޮޑަތި ޓީމްތައް ފަހަތަށް ޖައްސާލުމަށްފަހު ގަދަ ހަތަރަކުން ޖާގަ ހޯދާފައެވެ. ނަމަވެސް މިދިޔަ ސީޒަންގައި އެޓީމަށް އެނަތީޖާ ތަކުރާރެއް ނުކުރެވުނެވެ.