މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބާސެލޯނާގެ ފޯވާޑް ލޮއޮނަލް މެސީއަށް ލިބިއްޖެއެވެ. 
 
މިދިޔަ ސީޒަނުގައި 37 ގޯލު މެސީ ކާމިޔާބުކުރިއިރު، މިއީ އޭނާ މި އެވޯޑް ކާމިޔާބުކުރި ފަސްވަނަ ފަހަރަކުން ފާހަގަކޮށްލެވެއެވެ. 
 
މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދޭ "ޕިޗިޗީ އެވޯޑު" ވެސް ލިބުނީ މެސީއަށެވެ. މެސީއާ އެންމެ ގާތުން މި އެވޯޑަށް ވާދަކުރި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިދިޔަ ސީޒަނުގައި ކާމިޔާބުކުރެވުނީ 25 ލަނޑެވެ. 
 
މި ދެ އެވޯޑު ހޯދުމަށްފަހު މެސީ ބުނީ އޭނާގެ އަމާޒަކީ ވަކިވަކި އެވޯޑުތަށް ކާމިޔާބުކުރުން ނޫން ކަމަށާއި، ބޭނުންވަނީ ޓީމާއެކު ގިނަ ކާމިޔާބީތަށް ހޯދަން ކަމަށެވެ. 
 
ސްޕެނިޝް ލީގުގެ މިދިޔަ ސީޒަން ކާމިޔާބުކޮށްފައި ވަނީ ރިއާލް މެޑްރިޑުންނެވެ. މި އަހަރުގެ ސްޕެނިޝް ލީގުގެ އެއްވަނައިގައި މިވަގުތު ބާސެލޯނާ އޮތީ ހަ ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ލީގުގައި މިހާތަނަށް ބާސެލޯނާ އަދި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.