ކުޅިވަރު

އަންހެން ކްރިކެޓް ލީގުގެ ދެވަނަ ބުރު ފަށައިފި


ފުރަތަމަ އަންހެން ކުރިކެޓް ލީގުގެ ދެވަނަ ބުރު މިއަދު ފަށައިފިއެވެ.  

މިއަދު ހެނދުނު ފެށި މިމުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ މާލޭ ކްރިކެޓް ޓީމެވެ. އެޓީމް މެޗު ކާމިޔާބުކުރީ ވިލިމާލޭ އަންހެން ކުރިކެޓް ޓީމާ ވާދަކޮށް އެއް ލަނޑުންނެވެ. ޓޮސް ލިބިގެން ވިލިމާލެ ޓީމު ކުޅެން އަރާ ވިހި އޯވަރުގެ ތެރޭގައި 92 ލަނޑު ހެދިއެވެ. މާލޭ ކްރިކެޓް ޓީމުން ކުޅެން އަރާ ލަނޑުހަމަކޮށް މެޗު ކާމިޔާބުކުރީ އެއްލަނޑުގެ ތަފާތުންނެވެ. މިމެޗްގައި އެންމެ މޮޅަށް ކުޅުނީ މާލޭ ޓީމަށް 17 ލަނޑު ހެދި މަރިޔަމް އީޝަލްއެވެ.

މިލީގުގައި މާދަމާ ހެނދުނު ބައްދަލު ކުރާނީ ލ.ކުނަހަންދޫ އަންހެން ކުރިކެޓް ޓީމާއި ވިލިމާލޭ އަންހެން ކުރިކެޓް ޓީމެވެ.

މިމުބާރާތުގެ ފުރަތަމަ ލެގު މިދިޔަ ސެޕްޓެމްބަރުމަހު ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކު ސިޓީގައެވެ. މާލެއިން ޓީމަކާއި، ފުވައްމުލަކުގެ ދެ ޓީމެއް ކުޅުނު މިމުބާރާތް ކާމިޔާބުކުރީ ފުވައްމުލަކު ކްރިކެޓް ޓީމެވެ. މިމުބާރާތަކީ އޭޝިއަން ކްރިކެޓް ކައުންސިލުން އޭޝިއާ ސަރަޙައްދުގެ އަންހެނުންގެ މެދުގައި ކްރިކެޓް ކުރިއެރުވުމަށް ކުރިއަށްގެންދާ މުބާރާތެކެވެ.