ކުޅިވަރު

ތިނަދޫ ބަލިކޮށް، ނިއު ލީގު ޗެމްޕިއަންކަމާ ގާތަށް


ތިނެއް އެކަކުން ތިނަދޫ ބަލިކޮށް، އުރީދޫ ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކުރުމާ ގާތައް ނިއުރޭޑިއަންޓް ޖެހިލައިފިއެވެ. 

ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔަ މެޗުގެ އެކާވީސް ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖެހީ ކަންޑޭލާއެވެ. ނިއުރޭޑިއަންޓުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ލީޑް ފުޅާކޮށްދިނީ އަލީ އަޝްފާގެވެ. ފައުލް ގިނަ ދެވަނަ ހާފްގައި ފުރަތަމަ ލަނޑުޖެހީ ތިނަދޫގެ ކޮލަންބިޔާ ފޯވާޑް އެލެކްސެންޑަރއެވެ. މެޗުގައި ނިއުއިން ޖެހި ތިންވަނަ ލަނޑު ގަލާޑޯ ޖެހީ މެޗުގެ ހަތްދިހަ އެއްވަނަ މިނިޓްގައެވެ. މިއީ ގަލާޑޯ މިސީޒަންގައި ނިއުއަށް ޖަހައިދިން ސަތާރަ ވަނަ ލަނޑެވެ. 

މިއީ މިސީޒަންގައި ޖެހިޖެހިގެން ނިއުރޭޑިއަންޓް މޮޅުވި ނުވަވަނަ މެޗެވެ. މިމެޗުން ލިބުނު މޮޅާއެކު ނިއު ތާވަލްގެ އެއްވަނާގައި އޮތީ 30 ޕޮއިންޓާއެކުއެވެ. ނިއުއަށްވުރެ އެއް މެޗު މަދުން ކުޅެ، ޓީސީ ތާވަލްގެ ދެވަނާގައި އޮތީ 25 ޕޮއިންޓާއެކުއެވެ.