ކުޅިވަރު

ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހައްވައާއި ޒީނިޔާ ހޯދައިފި


ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހައްވާ ރާޝިދާއާއި ފާޠިމަތު ޒީނިޔާގެ ޕެއަރ ހޯދައިފިއެވެ.

 ބީޗް ވޮލީ ކޯޓުގައި ރޭ ކުޅުނު މުބާރާތުގެ ޗެންޕިއަންކަން ހައްވާ ރާޝިދާއާއި ފާޠިމަތު ޒީނިޔާގެ ޕެއަރ ހޯދީ އައިޝަތު މާޖިދާއާއި އައިމިނަތު އަރީޝާގެ ޕެއަރ ބަލިކޮށްގެންނެވެ. މުބާރާތް ކާމިޔާބުކުރުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ހައްވާ ރާޝިދާ ބުނީ މިއީ ފަނަރަ ދުވަހުގެ މަސައްކަތް ކަމަށާއި، މުބާރާތަށް ތައްޔާރުވާން އެހާ ގިނަދުވަސް ނުލިބުނުކަމަށެވެ. 

img:http://s2.psmnews.mv/images/660x400/15092541313308.jpg|މުބާރާތުގެ 1،2 އަދި ތިންވަނަ ޕެއަރ

ފުރަތަމަ ސެމީގައި ބަލިވެފަ އޮތުމުން ރޭގެ މެޗު އުނދަގޫވާނެކަން ކުރިންވެސް އެގުނުކަމަށް ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ބުންޏެވެ. ޓީމުގެ ދެވަނަ ޕެއަރ ފާތުމަތު ޒީނިޔާ ބުނީ މުބާރާތް ކާމިޔާބު ކުރީ އުނދަގޫ މެޗުތަކެއް ކުޅެގެންކަމަށާއި، މުބާރާތުގައި ވާދަކުރަންޖެހުނީ ޤައުމީ ލެވެލްގަ ކުޅެފަތިބި ކުޅުންތެރިންނާކަމަށެވެ.

މުބާރާތުގެ ތިންވަނަހޯދީ ޝަފްނާ އިބްރާހިމްއާއި ޝާނިޔާ އަހުމަދުގެ ޕެއަރއެވެ.